ޚަބަރު

ބަންގްލަދޭޝްގެ ވަފުދު، އެންވަޔަރަމަންޓް މިނިސްޓްރީއާ ބައްދަލުކޮށްފި

އަލީ އިހްސާން

ފަސް ދުވަހުގެ ރަސްމީ ޒިޔާރަތެއް ރާއްޖެއަށް ކުރައްވަމުންގެންދަވާ ބަންގްލަދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނުގެ ދެ މެންބަރުންނާއި ތިން މުވައްޒަފުންގެ ވަފުދު، މިއަދު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަންއާ ބައްދަލުކުރައްވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން މި ބޭފުޅުންނަށް މަރުހަބާ ދެންނެވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުންނާއި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކެއްވާ ގައުމަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާ އަދި ބަޖެޓްގެ ދަތިތަކާ ގުޅިގެން ތިމާވެށްޓާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އިސް ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޒިޔާރަތުގައި މިނިސްޓްރީގެ މަސައްކަތް ހިނގަމުންދާ ގޮތާ ގުޅޭ މައުލޫމާތާއި ސިވިލް ސަރވިސް މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ގޮތުގެ މައުލޫމާތު ހިއްސާކުރެވުނެވެ.