ޚަބަރު

ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި މި ސަރުކާރުން ހިންގަންފަށާތަން ވަރަށް އަވަހަށް ފެންނާނެ: އަލީ ޒާހިރު

އިބްރާހިމް ޒަކީ

ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި މި ސަރުކާރުން ހިންގަންފަށާ މަންޒަރު ދާދި އަވަހަށް ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާލުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ތަރައްގީގެ އާ މަޝްރޫއުތަކެއް ކުރިއަށް ނުދާކަމަށާއި، ސަރުކާރު ހިންގަނީ ވަރަށް މަޑު ދުވެއްޔެއްގައިކަމަށްބުނެ އިދިކޮޅު ފަރާތްކުން ފާޑުކިޔަމުދާތީ، މިއަދު ކުރެއްވި ޓްވީޓެއްގައި ސަރުކާރު ކޯލީޝަންގައި ހިމެނޭއަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، މި ސަރުކާރުން ތަރައްގީގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއްނެތި ގާފުރޮޅައި، ތަންތަން ސުންނާފަތިކޮށް ނުހަދާނެ ކަމަށެވެ.

އޭގެ ބަދަލުގައި ވިސްނުންތެރިކަމާއެކު އެތަންއަހަރަކަށް ޕްލޭން ކުރެވިގެން ދެމެހެއްޓެނިވި، ތަރައްގީގެ މަޝްރޫއުތައް ދާދި އަވަހަށް ބާރު ސްޕީޑްގައި ހިންގަންފަށާ މަންޒަރު ފެންނާނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަރަށްދޯދިޔާ ކަމަށް އިދިކޮޅު ފަރާތްތަކުންދަނީ ބުނަމުންނެވެ. އަދި އިންތިހާއަށް ދުވެލިމަޑުކަމަށްވެސް އެފަރާތްތަކުން ފާހަގަ ކުރެއެވެ.