ޚަބަރު

ޖަލުތަކާއި ގައިދީންގެ ކަންކަން ބެލުމުމެ މަސްއޫލިއްޔަތު އިންސްޕެކްޓަރު އޮފް ކަރެކްޝަނަލްއަށް

ޖަލުތަކުގެ ކަންތައްތައް ބެލުމާއި، ކުށްވެރިންނަށް ބޭނުންވާ ކަންކަން ގާނޫނުތަކުގައިވާގޮތަށް ހަމަޖައްސައިދީ، ގައިދީންނާ މެދު ޖަލުތަކުގައި ކަންކަން ހިނގަމުންދާގޮތް މޮނީޓާކުރުމުގެ މަސްއޫލިއްޔަތުތަކާއެކު، "އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ގެ ޝަރުތުތައް ބަޔާންކުރާ ގަވާއިދު" މިއަދު ގެޒެޓްކޮށް އަމަލު ކުރަން ފަށައިފިއެވެ.

މި ގަވާއިދުގައިވާގޮތުން، ޖަލުތައް އިމާރާތްކޮށްފައި ހުންނަނީ ގަވާއިދަށްތޯ ބެލުމާއި، ގައިދީންނާއި ބަންދު މީހުންނަށް އެންމެ މަދުވެގެން ލިބިދޭން ޖެހޭ އަސާސީ ޚިދުމަތްތައް ގަވާއިދާ އެއްގޮތަށް ލިބިދޭތޯ ބެލުމަކީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަސްއޫލިއްޔަތެކެވެ.

އަދި ޖަލުތަކުގައި ގައިދީންނާއި، ބަންދު މީހުންނާމެދު އަމަލުކުރަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، ޖަލުގައި ދޭ ކާނާއާއި ސިއްހީ ފަރުވާގެ މިންގަނޑުތައް ހުންނަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަކީވެސް އިންސްޕެކްޓަރ ގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން ޖަލެއްގައި މީހުންނަށް އަނިޔާކުރާ ކަމަށް ކުރާ ޝަކުވާތަކާއި ދިމާވާ އެކި މައްސަލަތައް ތަހުގީގުކޮށް ހޯމް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުމާއި، ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއެއްގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ތިބޭ ތަންތަނާއި، އެ މީހުންނާމެދު އަމަލުކުރާ ގޮތް ބަލައި ރިޕޯޓު ކުރުމަކީވެސް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަސްއޫލިއްޔަތެކެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ މި ގަވާއިދުގައިވާގޮތުން، ގަނޫނުގައިވާގޮތުގެމަތިން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް އައްޔަން ކުރާނީ ހޯމް މިނިސްޓަރެވެ.

މި ގަވާއިދުގައި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ޝަރުތުތަކާއި، އިނާޔަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.