ހުޅުމާލެ ދެވަނަ ފިޔަވަހީގެ، ވިނަރެސް ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ބިދޭސީން ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ސައިޓު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސާފުކޮށްފި އެވެ.
އެޗްޑީސީން ރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ، ބިދޭސީން، ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔައީ ވަގުތީ ސައިޓެއްގައި ކަމަށެވެ. އެތަނުގައި ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރުން، ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން ހުއްޓުވައިފައިވާ ކަމަށެވެ. އަދި ބުނީ އިއްޔެގެ ވަގުތެއްގައި އެ ސައިޓު ވަނީ ސާފުކޮށްފައި ކަމަށެވެ.
"ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ސަރަހައްދުގައިވާ ވަގުތީ ސައިޓެއްގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބުމާ ގުޅިގެން އެ މައްސަލަ ބަލައި، ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން އެކަންތައް މިހާރު ވަނީ ހުއްޓުވާފައި. އަދި އެތަން ވަނީ ސާފުކޮށްފައި" އެޗްޑީސީން ބުންޏެވެ.
އެފަހުން މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ސައިޓުގައި ގަވާއިދާހިލާފަށް ބިދޭސީން އުޅޭ ކަމަށް އިމިގްރޭޝަނަށް މައުލޫމާތު ލިބިގެން، ޓާސްކްފޯހުނީ އިއްޔެގެ ވަގުތެއްގައި އެތަން ބަލައިފާސްކޮށްފައި ކަމަށެވެ.
"މި ތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިޖުތިމާއީ މިންގަނޑާއި މުޅިން ހިލާފަށް ބިދޭސީން އެ މީހުންގެ ދިރިއުޅުމުގެ ކަންކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނަކަށްވާތީ، އެކަން މިހާރު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ." އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އަދި ބުނީ އެ ސައިޓު ބަލައިފާސްކުރިއިރު އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ވިސާއެއް ނެތް 02 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.