މުޙައްމަދު ޝަމްޢޫން
ދިވެހި ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަގުވާމީ އެންމެ ޝަރަފުވެރި ކުޅިވަރު އިވެންޓް، ވިސިޓް މޯލްޑިވްސް ޕްރޯ 2024 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު އަންނަނީ ތައްޔާރުވަމުންނެވެ. ބުރަ މަސައްކަތްތަކާއެކު މުޅި ރާޅުގަނޑުގެ މަންޒަރު ބަދަލުކޮށްލައި، ރާއްޖޭގެ ހިތްގައިމު މާހައުލުގައި ބޮޑީބޯޑަރުންނަށް ތަފާތު ފުރުސަތެއް ހުޅުވާލަދޭން އެމްބީބީއޭ އޮތީ ތައްޔާރަށެވެ. އެ މަސައްކަތްތަކުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވޯލްޑް ޓުއާގެ މަގުބޫލު މަންޒިލަކަށް ރާއްޖޭ ވެ، ދުނިޔޭގެ އެންމެ މަތީ ފަންތީގައި ތިބި ބޮޑީބޯޑިން އެތުލީޓުން އަހަރަކު އެއް ފަހަރު ރާއްޖެއަށް މިސްރާބު ޖެހުމެވެ. ފަތުރުވެރިކަމުގެ މަންޒިލަށް އިތުރު ބޮޅެއް، ކުޅިވަރުގެ އުފާވެރި މާހައުލުން ފަހިވެއެވެ.
"މި މުބާރަތަކީ ރާއްޖެއަށް ވަރަށް މުހިއްމު މުބާރާތެއް. ހަމައެކަނި ކުޅިވަރުގެ ގޮތަކުންނެއް ނޫން. މިއީ ރާއްޖޭގެ ޓޫރިޒަމަށްވެސް ވަރަށް މުހިއްމު މުބާރާތެއް. ބޮޑީބޯޑިންގައި ދުނިޔޭގެ ހުރިހާ މަޝްހޫރު އެތުލީޓުން މި އަންނަނީ ރާއްޖެއަށް. ގާތްގަނޑަކަށް ހުރިހާ ކެޓަގަރީއަކުންވެސް އެންމެ މޮޅު 20 ވަރަކަށް އެތުލީޓުން މިހާރު މި ވަނީ މި މުބާރާތަށް ރަޖިސްޓްރީ ކޮށްފަ. މިހާރު މަޑުމަޑުން ހުރިހާ އެތުލީޓުން އައިސް، ރާޅާ އަޅަމުން އެ ދަނީ،" ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގެ ތައްޔާރީތަކަށް ރާޅުގަނޑުގައި ހުރި އެސޯސިއޭޝަންގެ ރައީސް، ހަސަން ނިޒާމް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި އައިބީސީ ޓުއާގެ މޯލްޑިވްސް ޕްރޯ އިވެންޓް ހޯސްޓްކުރާ ތިންވަނަ ފަހަރެވެ. ފަހަރަކަށްވުރެ ފަހަރެއް އިންތިޒާމުތައްވެސް ރަނގަޅުވަމުން އައި މުބާރާތް، މިއަދު ވެފައި މި ވަނީ މަގުބޫލުކަން ބޮޑު، އެތުލީޓުން ޝައުގުވެރިވާ މުބާރާތަކަށެވެ. އޭގެ ނަތީޖާވެސް ފޮންޏެވެ.
"ގިނަ އެތުލީޓުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިލިއަނުން ފޮލޯވަރުން އެބަތިބި. އެ އެތުލީޓުން ރާއްޖޭގެ މަންޒަރުތައް މި ދޫކޮށްލަނީ ސޯޝަލް މީޑިއާއަށް. 11 ގައުމެއްގެ އެތުލީޓުން އެބަ ވާދަކުރޭ. އެ ހުރިހާ ގައުމެއްގެ އިތުރުން އެތުލީޓުންގެ ސަޕޯޓަރުންނާއި ފޮލޯވަރުންނަށް މި ދައްކުވައިދެނީ. އެތައް ގައުމެއްގެ މީހުންނަށް ރާއްޖޭގެ ރީތިކަން ފެނިގެން މިދަނީ،" ނިޒާމް އިތުރަށް ވިދާޅުވިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގައިވެސް އަންހެން އަދި ފިރިހެން ޑިވިޝަނުގެވެސް ދުނިޔޭގެ ޗެމްޕިއަނުން މިފަހަރުވެސް ފެންނާނެއެވެ. މިހާރުވެސް ރާޅުގަނޑުން އެ ހުނަރު އަންނަނީ ފެންނަމުންނެވެ. މަޑުމަޑުން ރާޅުގަނޑަށް ހުނަރުވެރިން ޖަމާވެ، އަންނަނީ ހައިރާންކަން ގެނުވަމުންނެވެ.
"ދިވެހި އެތުލީޓުންނަށްވެސް މިއީ ބޮޑު ފުރުސަތެއް. މީގެ ކުރިން އަޅުގަނޑުމެން ޓީވީންނާއި ފޮޓޯއިން ބަލަމުން ދިޔަ އެތުލީޓުން ރާއްޖެ އައިސް އަޅުގަނޑުމެން ކުރިމަތީގައި ރާޅާ އަޅައި، އެ އެތުލީޓުންގެ ތަޖުރިބާ ރާއްޖޭގެ އެތުލީޓުންނާ މި ހިއްސާ ކުރަނީ،" ނިޒާމު އިތުރަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މިދިޔަ ދެ އަހަރު ރާއްޖޭގެ ޖޫނިއާ އެތުލީޓް އާމިން އުމަރު މޫސާގެ ދަތުރު ނިޒާމް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު ރޭންކިންގައި އާމިން ދުނިޔޭގެ ޖޫނިއާ ގަދަ 10 ގައި ނިންމާލި ނިންމާލުން އޭނާ ފާހަގަކުރެއްވިއެވެ.
އާމިންއަކީ މިހާރުވެސް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ބޮޑީބޯޑަރެވެ. އޭނާ ވަނީ މިދިޔަ ދެ އަހަރުވެސް ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ރަނގަޅު ހިސާބެއްގައި ވާދަކޮށްފައެވެ. ހާއްސަކޮށް 2022 ވަނަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯއަށްފަހު އާމިން އޮތީ ދުނިޔޭގެ ތިންވަނައިގައި ރޭންކް ކުރެވިފައެވެ. އާމިން މިދިޔަ އަހަރު ނިންމާލީވެސް ދުނިޔޭ ރޭންކިންގެ 10 ވަނައިގައެވެ. އެއީ ކުޑަކުޑަ ޖަޒީރާ ގައުމަކަށް އުފަން އާމިން ހޯދި ބޮޑު ކާމިޔާބީއެކެވެ.
އާމިން 2022 ވަނަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓްގެ ޖޫނިއާ ބައިން ފައިނަލަށް ގޮސް، ތާރީހު ލިޔެލިއެވެ. އޭނާއަކީ ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތެއްގެ ފައިނަލް ހީޓެއް އެޅި ފުރަތަމަ ދިވެހި އެތުލީޓެވެ. މިދިޔަ އަހަރުގެ ރޭންކިން ރަނގަޅު ކުރުމަށް އާމިން ވަނީ ވިސިޓް މޯލްޑިވްސްގެ އިތުރުން ފްރާންސްގައި އޮތް ލަ ސަލީ ޕްރޯ އާއި ޕޯޗުގަލްގެ ސިންޓްރާ ޕްރޯ އަދި ސްޕެއިންގައި އޮތް ފްރޮންޓޮން ކިންގް އިވެންޓްގައިވެސް ވާދަކޮށްފައެވެ. އެއީ ޖޫނިއާ އިވެންޓްގައި އާމިންއަށް ލިބުނު ފަހި ފުރުސަތުގެ ބޭނުން އެކަށީގެންވާ ގޮތަކަށް ކުރުމަށެވެ.
އެ ކާމިޔާބު ހަރުފަތަށްފަހު، މިއަހަރު އާމިން ނުކުންނަނީ މުޅިން އާ ޗެލެންޖަކަށެވެ. އެއީ ޖޫނިއާ ކެޓަގަރީ ފަސްދީ، އޯޕަން ކެޓަގަރީއަށެވެ.
ނިޒާމް އިތުރަށް ވިދާޅުވީ، އެދިވަޑައިގަންނަވނީ ދިވެހި އެތުލީޓުންނަށް ހިތްވަރު ދީ ސާބަސް ދޭން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، އެ އެތުލީޓުންގެ ފަހަތުގައި ތިބުމަށެވެ. މިފަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ 15 އެތުލީޓުން ވާދަކުރާ އިރު، އެސޯސިއޭޝަންގެ ރައީސް ނިޒާމް ވިދާޅުވީ އިވެންޓްތަކުގެ މައުލޫމަތު ފުރިހަމައަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ލިބޭނެ ކަމަށާއި، ދިވެހި އެތުލީޓުންގެ އިވެންޓްތަކަށް ގޮސް، ފުރިހަމަ ސަޕޯޓެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.