އިބްރާހިމް ޒަކީ
ސަރުކާރު ބޭނުންހާގޮތަކަށް، ގައުމާއި ރައްޔިތުންނަށް ގެއްލުންވާގޮތަށް، ގާނޫނުން ބޭރުން ކަންކަން ކުރަންޖެހިއްޖެނަމަ، ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ހިތްވަރު ހުންނާނެ ކަމަށް، އެމްއެމްއޭގެ އާ ގަވަރުނަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވާފައިވާ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިހެން ވިދާޅުވީ، އޭނާގެ ނަން ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މުނައްވަރު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮންމެ ސަރުކާރެއްގައި ވެސް ގަވަރުނަރުގެ މަގާމުގައި ހުންނަ މީހެއްގެ ފަރާތުން ފެންނަނީ އެ ސަރުކާރެއް ބޭނުންވާ ގޮތަކަށް ކަންކަން ކުރާ ތަން ކަމަށާއި، އެފަދަ ގަވަރުނަރަކަށް މުނައްވަރު ވާނެތޯ އާއި ދޭ ލަފާތަަކަށް ސަރުކާރުން އަމަލު ނުކުރާ ނަމަ، އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނާނެތޯ ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ކުރެއްވި ސުވާލާ ގުޅިގެން މުނައްވަރު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ކަމެއް ކުރާނަމަ އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. ނަމަވެސް ށް ދިވެހި ރައްޔިތުންނަށް އަދި ގައުމަށް ގެއްލުންވާ ކަމެއްގައި އޭގެ މަޝްވަރާ ވެސް އަދި އެކަމުގައި ނުރުހުން ވެސް ފާޅު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އިސްތިއުފޭ ދޭން ޖެހިއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ހިތްވަރު ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ މީގެ ކުރިން 10 އަހަރެއްހާ ދުވަހު އެމްއެމްއޭގައި މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އެއަށްފަހު އެމްއެމްއޭދޫކޮށް އެތަނުން ނިކުންނެވީވެސް އޭނާ ގެންނަން ބޭނުންވާ ބަދަލުތައް ނުގެނެވޭނެ ކަމަށް ގަބޫލު ކުރެއްވިގެން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އޭނާގެ ޓްރެކް ރިކޯޑްވެސް އޮތީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާވަނީ އޭނާ ގަބޫލު ކުރާ އުސޫލުތައް ހިފަހައްޓަވާނެކަމުގެ ޔަގީންކަން މެންބަރުންނަށް ދެއްވައިފައެވެ.
"މިސާލަކަށް އަޅުގަނޑު ވަރަށް ގަބޫލު ނުކުރާ އެއް އުސޫލެއް އެމްއެމްއޭއިން ކޮންމެ ހާލަތެއްގައި ސަރުކާރުން ބުނާހާއިރަކަށް ފައިސާ ޖަހަން ޖެހޭނެ ކަމަށް،" ސަރުކާރުން އެދުނަސް އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން،" މުނައްވަދު ވިދާޅުވިއެވެ.