އިބްރާހިމް ޒަކީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑާއި އެ ބޭންކުގެ އިސްވެރިންގެ މުސާރައާއި އިނާޔަތްތަކާބެހޭ މައުލޫމާތުތަކަކީ ވިޔަފާރީގެ ސިއްރު ކަމަށްވާތީ އާއި އެއީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ވުމުން އެ މައުލޫމާތު ތަކަކީ ދޫ ނުކުރެވޭނެ މައުލޫމާތުތަކެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ގ. ކެތުލިން، އަހުމަދު އައިމަން ލަތީފުގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ އިސް މުވައްޒަފުންނަށް ދީފައިވާ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލު ވަކިވަކީން އެނގޭނެހެން ހޯދުމަށާއި ބޭންކުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މަގާމުތަކުގެ ތަފުސީލު ކޮންމެ މަގާމެއްގައި ތިބި މުވައްޒަފުންގެ އަދަދު އެނގޭނެހެން ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.
ނަަމަވެސް ބީއެމްއެލް އިން އެ މައުލޫމާތު ނުދިނުމުން އައިމަން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބެލުމަށްފަހު އަމުރުކުރީ ބީއެމްއެލް އިން އެ މައުލޫމާތު ދޫކުރަންޖެހޭނެ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ބީއެމްއެލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަަލަ ބެލުމަށްފަހު އެ ކުރި ހުކުމުގައި ވަނީ، ބީއެމްއެލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ)ގެ މާނަކުރުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރެއިން އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްގެ ގޮތުގައި ބެލެވޭ ކުންފުންޏެއް ކަމަށެވެ.
އެ ސަބަބަށްޓަކައި އެ ގަވާއިދުގައި ދައުލަތުގެ އިދާރާ މާނަކޮށްދީފައިވާ އިބާރާތުގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމަނާފައި އޮތުމަކީ ގާނޫނާ ފުށުއަރާ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނުގައިވާ "ދައުލަތުގެ އިދާރާ" އަށް ދީފައިވާ މާނަ އިތުރަށް ތަފުސީލު ކޮށްދިނުމަށް ހިމަނާފައިވާ ބައެއް ކަމަށްވެސް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.
ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނީ، އައިމަން ހޯދަން އެދިފައިވާ މައުލޫމާތު ހާމަކުރުމުން ބޭންކުގެ ވިޔަފާރިއަށް ނުވަތަ ބޭންކުގެ މާލީ މަސްލަހަތަށް ގެއްލުން ވެދާނެ ސަބަބެއް ބީއެމްއެލް އަށް ބުނެދެވިފައިނުވާ ކަމަށެވެ.
ހައިކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ބީއެމްއެލްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ، ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބީއެމްއެލްއަކީ "ދައުލަތުގެ އިދާރާ" އެއް ކަމަށް ނިންމާފައިވާ ނިންމުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދު ކުރައްވާ ކަމަށެވެ.
އަދި ބީއެމްއެލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "ދައުލަތުގެ އިދާރާ" އެއް ކަމަށްވެސް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅުއްވިއެވެ.
ނަމަވެސް އެ މައްސަލައިގައި އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ ވިޔަފާރި ސިއްރު ކަމަށްވާތީއާއި އެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ވުމުން އެ މައުލޫމާތަކީ ދޫނުކުރެވޭނެ މައުލޫމާތެއް ކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅުއްވައިފައެވެ.