ޚަބަރު

އާރުޓީއައިގެ ދަށުން ސަރުކާރުގެ ކުންފުނިތަކަށް މައުލޫމާތު ދޭން ލާޒިމުވާނެ: ސުޕްރީމް ކޯޓް

އިބްރާހިމް ޒަކީ

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ދޭން ލާޒިމުވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އެ ކޯޓުން މިއަދު އެގޮތަށް ނިންމީ އެގޮތަށް ސަރުކާރު ކުންފުނިތަކުން މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ކުރީ އެމްޓީސީސީއާ ދެކޮޅަށެވެ.

މިއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެންމެ ފަހުން ހެދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި ގާނޫނުގައި ބުނާ ދައުލަތުގެ އިދާރާތަކުގެ ގޮތުގައި ދައުލަތުން އުފައްދާ ކުންފުނިތައް ހިމަނާފައިވާ މައްސަލައާ ގުޅިގެން އެމްޓީސީސީ އިން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ބުނާ ގޮތުން، އެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދޭނީ ދައުލަތުގެ އިދާރާތަކުންނެވެ.

ދައުލަތުގެ އިދާރާތަކުގެ ގޮތުގައި ގާނޫނުގައި މާނަކޮށްފައި ވަނީ، ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ ކައުންސިލްތައް ހިމެނޭ ގޮތުންނެވެ. އަދި އޭގެ އިތުރުން އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިނގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެެ.

އެހެންކަމުން އެމްޓީސީސީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ، ދައުލަތުން އުފައްދާ ކުންފުނިތައް އޭގެ ތެރޭގައި ހިމެނޭ ކަމަށް އައިކޮމް އިން ގަވާއިދަށް ގެނައި ބަދަލަކީ ގޯސް ބަދަލެއް ކަމަށް ބުނެއެވެ. އެއީ ގަވާއިދު ހެދުމަށް ލިބިފައިވާ ދާއިރާގެ ބާރުން އެ ގާނޫނު ހިންގާ ފަރާތްތަކުގެ ތެރޭގައި ހިމެނިފައި ނެތް އެހެން ފަރާތްތަކެއްގެ މައްޗަށް ގާނޫނު ހިނގާ ގޮތަށް އިބާރާތްކޮށްދީފައިވާ މާނަ ކުރުމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި އެމްޓީސީސީން ހައިކޯޓުގައި އެދުނީ، ގަވާއިދުގައި އެގޮތަށް ބަޔާންކުރާ އަކުރު ބާތިލުކުރުމަށެވެ. ނަމަވެސް ހައިކޯޓުން ނިންމީ އައިކޮމްގެ ގަވާއިދު ރަނގަޅު ކަމަށެވެ.

އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން 2021 ވަނަ އަހަރު އެ ނިންމުން އެމްޓީސީސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެހެންކަމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅަން ޖެހިފައި އޮތީ، އައިކޮމް އިން ހަދާފައިވާ ގަވާއިދުގެ 61 ވަނަ މާއްދާގެ (ޅ) އަކީ ގާނޫނުއަސާސީގައި ބުނާ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާގެ މާނައާ ފުށުއަރާ އަކުރެއްތޯ ނުވަތަ ނޯންތޯއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ދެކޮޅަށް އެމްޓީސީސީ އިން ހުށަހެޅި އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން ބަޔާންކުރާ ތަންތަނުގެ ތެރޭގައި ދައުލަތުން މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ހަވާލުކޮށްފައިވާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓު ހިންގާ ނުވަތަ ބަޖެޓުން އެހީ ލިބޭ ކޮންމެ ތަނެއް ހިމެނޭކަން އެނގެން އެބަ އޮތް ކަމަށެވެ.

ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާފައިވާ ގިނަ ކުންފުނިތަކަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ބައެއް އަސާސީ ހިދުމަތްތައް ތަކުލީފަކަށް ނުވާ ގޮތަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުނިތަކެއް ކަމަށާއި އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިކޮމް އިން ހަދާފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު އޮތީ ރަނގަޅަށް ކަމަށްވެސް ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ސަރުކާރު ކުންފުނިތަކަށް އާރުޓީއައިގެ ދަށުން މައުލޫމާތު ދޭން ލާޒިމުވާނެއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.