ޚަބަރު

ކުރީ ސަރުކާރުން މަހުގެ އަގު ބޮޑުކުރީ ހެޔޮ އެދިގެނެއް ނޫން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން: ޝިޔާމު

ފާތިމަތު ލިޔުޝާ

1

އެމްޑީޕީގެ ވެރިކަމުގައި މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 އަށް ބޮޑު ކުރީ މަސްވެރި ކަމުގެ ސިނާއަތަށް ނުވަތަ މަސްވެރިންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު މަސްވެރިންގެ ވޯޓު ޔަގީން ކުރަން ކަމަށް ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު 4" ޕްރޮގްރާމްގައި ރޭ މިނިސްޓަރު ޝިޔާމު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން މަސް ކިލޯއެއްގެ އަގު ހުރީ 17 ރުފިޔާއަށް ކަމަށާއި ނަމަވެސް ދެވަނަ ބުރު ކުރިމަތިވި އިރު، މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް މައްޗަށް ޖައްސާފައިވާ ކަމަށެވެ. އަދި އެކަމަކީ މަސްވެރިންނަށް ހެޔޮ އެދިގެން ނުވަތަ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގެނައި ބަދަލެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މަސްވެރިންނަށް ހެޔޮއެދިގެން އެ ބަދަލު ގެނައި ނަމަ އެއަށްވުރެ މާކުރިން އެ އަގަށް ބަދަލުތައް ގެންނަން މަސައްކަތް ކުރާނެ. ނަމަވެސް 17 އިން 25 އަށް ބަދަލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ފުރަތަމަ ބުރުގައި ނާކާމިޔާބިއަށް ކުރިމަތި ލާން ޖެހުމުން އަދި އާއިލާތަލުގެ ވޯޓު ހޯދުމުގެ ބޭނުގައި މަހުގެ އަގު 25 ރުފިޔާއަށް ޖެއްސީ،" ޝިޔާމު ވިދާޅުވިއެވެ.

އޭރުގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް އަލިއަޅުއްވާލަމުން ޝިޔާމު ވިދާޅުވީ އެގޮތަށް ބަދަލު ގެނައީ ދައުލަތުން 13 ރުފިޔާ އިންޖެކްޓް ކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމުން ސަރުކާރު އިނދަޖެހި، މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ވެސް ދުވަހުން ދުވަހަށް ބޮޑުވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު ކުރައްވާފައިވާ ދުރުވިސްނުންފުޅާ އެއްގޮތަށް އެ ތާށިތައް ފިލުވައި މަސްވެރިންނަށް ހައްގުވާ ފައިސާ ދެ ހަފުތާއިން ދެމުން ގެންދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިސްކޯގެ ހަރަދުތަކަށް ބަލާއިރުގައި މިފްކޯއަށް ބްރޭކް އީވަން ވެސް ނުކުރެވޭ ހިސާބެއްގައި މިފްކޯގެ ހިސާބުތައް ހުރީ، ހުރި ވަގުތެެެއްގައި 25 ރުފިޔާއަށް މަސް ގަންނަ ކަމަށް ވަންޏާމުން އޭގެ މާނައަކީ 13 ރުފިޔާ އިންޖެކްޓް ސަރުކާރުން ކުރަންޖެހޭ ގޮތަށް އެކަން އޮތީ ކޮށްފައި. އެއީ އެއްވެސް ވަރެއްގައި މަސްވެރި ކަމުގެ ސިނާއަތަށް ރަނގަޅު ބަދަލެއް ގެންނަން ކުރިކަމެއް ނޫންކަން މި އެނގެނީ،" ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ ރައިސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، 250 މިލިއަނަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ނުދައްކާ އޮތް ނަމަވެސް މިހާރު އެ ފައިސާ ހަލާސްކޮށް، ކޮންމެ ދެ ހަފުތާއިން ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެމުންގެންދާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟