ޚަބަރު

ޝީ ދެއްވީ ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުކުރަން ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން!

ރާއްޖޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެގެން އުޅެނީ ވަގުތީ މައްސަލަތަކެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގަބޫލުފުޅު ކުރައްވާ ކަމަށާއި ރާއްޖެއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ގައުމުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވަފްދެއް ވަނީ މިދިޔަ ހަފުތާގައި ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ އިސްވެރިންނާއި ބައެއް އަމިއްލަ ކުންފުނިތަކާ އެކު މަޝްވަރާތައް ބާއްވައިފައެވެ. އެ ދަތުރުގައި، ޗައިނާގެ ރައީސް ޝީ އަށް ރައީސް މުއިއްޒު ހާއްސަ ސިޓީފުޅެއްވެސް ފޮނުއްވިއެވެ.

"އަސްލު ޓީވީ" ގެ ޕްރޮގްރާމެއްގައި މިނިސްޓަރު ޒަމީރު ރޭ ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ރަނގަޅު ކުރަން ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް އަރުވާފައިވާ ކަމަށެވެ.

"މިއިން (އިގުތިސާދީ ދަތިތަކުން) އަރަައިގަތުމަށް އަޅުގަނޑުމެން ގޮސް އެދުނު ކަންކަމުގައި ޗައިނާ އިން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި އޭގެ ޓެކްނިކަލް ބައިތައް މިހާރުން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށް ޗައިނާގެ ރައީސް ޝީ، ރައީސަށް އެބައޮތް އަންގަވައި ދެއްވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ މައްސަލަތައް ހައްލު ކުރުމަށް ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ދުނިޔޭގެ ގައުމުތަކުން ގަބޫލު ކުރާ ކަމަށާއި ހާއްސަކޮށް އިންޑިއާގެ އެހީ ރާއްޖެއަށް މިހާރު ލިބެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ދަތިތަކަށް ވަރަށް ސެންސިޓިވް އިންޑިއާ އިން. އިންޑިއާ އިން ގެންގުޅެނީ ނެއިބާހުޑް ފަސްޓް ޕޮލިސީ. އިންޑިއާއަކީ ދިމާވާ ދަތިތަކަށް ވަރަށް ބޮޑަށް އެހީތެރިވެ ދޭ ގައުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ ހާލަތު ގޯސްވީ، ކުރީ ސަރުކާރުން ރައްޖޭގެ އިގުތިސޯދީ ކަންކަން މެނޭޖުކޮށްފައިވާ ގޮތުން ކަމަށެވެ. އަދި ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ހޯދުމުގައި އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ހަރުދަނާ ސިޔާސަތެއް ގެންގުޅެފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.