ޚަބަރު

ޗައިނާގެ ބޭންކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ޗައިނާގެ ބޭންކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސޯދީ އެޖެންޑާއާ ގުޅޭ ގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވީ، ޗައިނާގެ ބޭންކެއް ރާއްޖެ ގެނައުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

"މި ފަހަރު ކުރެވުނު (ޗައިނާއަށް ކުރި ދަތުރުގެ) މަޝްވަރާތަކުގައި އެބައޮތް، ޗައިނާގެ ބޭންކަކުން ރާއްޖޭގައި ބްރާންޗެއް ހުޅުވުމަށް އިންޓަރެސްޓު ފާޅުކޮށްފައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، އެ ބޭންކު ރާއްޖޭގައި އޮޕަރޭޓްކުރުމުގެ މަސައްކަތްތައް ހަމަޖެއްސުމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެ ބޭންކު ހުންނަ ޕްރޮވިންސަށް ވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭންކެއް ކަމެއް ވިދާޅެއް ނުވެއެވެ،

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރެވުމުން، ރާއްޖެއަށް އަންނަ އިންވެސްޓްމަންޓުތައް އިތުރުވެގެންދާނެކަމަށާއި އެކަމުގެ ނަފާ ރާއްޖެއަށް ކުރާނެ ކަމަށެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، ޗައިނާ ދަތުރުގައި، އެ ގައުމުން ރާއްޖެއަށް އަންނަ ފްލައިޓުތައް އިތުރުކުރަންވެސް މަޝްވަރާތައް ކުރެވުނު ކަމަށެވެ. އެގޮތުން، ޗައިނާއިން ރާއްޖެއަށް ސީދާ އަންނަ ފްލައިޓުތައް އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަޝްވަރާތައް ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ކުރެއްވި ކަމަށެވެ.