ޚަބަރު

ރާއްޖެ އައި ޕާކިސްތާން މީހެއްގެ އަތުން 2.1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އައި ޕާކިސްތާނު މީހަކު ރާއްޖެ އެތެރެކުރަން އުޅުނު 2.1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފިއެވެ.

އެކަމާ ގުޅޭ މައުލޫމާތު ދެމުން ކަސްޓަމްސް އިން ބުނީ، އެ މީހާއަކީ މި މަހުގެ 24 ވަނަ ދުވަހު ޔޫއޭއީގެ އަބޫ ދާބީ މަގުން ރާއްޖެ އައި މީހެއް ކަމަށެވެ. އަދި އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު 2.12 ކިލޯ ހުރި ކަމަށް ބުންޏެވެ.

އެކަމާ ގުޅޭ މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ ތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ޕާކިސްތާން މީހާ އާއެކު އެ ތަކެއްޗާ ގުޅުން ހުރި 25 އަހަރާއި 40 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ކުށުގެ ރެކޯޑް އޮތް އެ މީހުން ހައްޔަރުކުރީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އިތުރު ފަރާތްތަކެއްވާކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މައްސަލައިގެ ކުރީކޮޅުކަމުން، އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.