އިބްރާހިމް ޒަކީ
ވިޔަފާރިތަކާއި ރިސޯޓުތަކުންނާއި އެހެނިހެންވެސް ގޮތް ގޮތުން ސަރުކާރަށް ލިބެންޖެހޭ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަށަން ނިންމައިފިއެވެ.
ސަަރުކާރަަށް ލިބެން ހުރި ފައިސާގެ އަދަދުތަކާއެކު އެ ފައިސާ ހޯދުމުގެ މަސައްކަތް މަޖިލީހުން ކުރައްވާނެ ކަމަށް އިއުލާން ކުރެއްވީ މާލިއްޔަތު ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުން އަހުމަދު ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނާޒިމް ވިދާޅުވީ އަންނަ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް މީރާގެ ކޮމިޝަނަރު ހާޒިރުކޮށް އެކަމާމެދު ސުވާލު ކުރައްވާނެ ކަމަށެވެ. އަދި އެކި ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާ ހޯދަންޖެހޭ ކަމަށާއި އެ ނޫން ގޮތެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ ފައިސާ ނުލިބި ވަނީ ކީއްވެގެންކަން ސާފުވާންޖެހޭ ކަމަށާއި އެކަމުގެ އެންމެ ފުނަށް ފީނަންޖެހޭ ކަމަށެވެ.
ނާޒިމް އާންމު ކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޓެކުހާއި ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި އެކި ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ އަދަދު 7.8 ބިލިއަން ރުފިޔާއަށް އަރައެވެ. ޓެކްސް ނޫން ގޮތް ގޮތުން ލިބެންޖެހޭ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރައެވެ. އެހެންކަމުން ޖުމުލަ އަކީ 15.4 ބިލިއަން ރުފިޔާއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ދައުލަތަށް ލިބެންޖެހޭ 513 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން މި ސަރުކާރުން މަސައްކަތް ފެށުމާއެކު އެކި ފަރާތްތަކުން އެ ފައިސާ ދައްކަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.