ޚަބަރު

އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ، ސީލައިފްގެ މައްސަލަ އޭސީސީއާއި ފުލުހަށް

އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ، ސީލައިފް ގްލޯބަލްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅައިފިއެވެ.

ހައުސިން ޔުނިޓްތައް އަޅައި، އެޕާޓްމަންޓުތައް ދޫކުރާ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ، ފުލުހުންނާއި އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީ ލިޓިކާ ލޯ އެސޯސިއޭޓްސްގެ ފަރާތުންނެވެ.

އެކަމާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަދި އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާ ވިދާޅުވީ ސީލައިފްއިން 146 މީހުން އަތުން ފައިސާ ނެގިކަން މިހާތަނަށް ފާހަގަވެފައިވާ ކަމަށާއި އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ލިޓިކާ ލޯ އެސޯސިއޭޓުން ބުނީ އާންމުންގެ އަތުން ޖުމްލަ 16،860074.86 ރުފިޔާ ސީލައިފްއިން ނަގާފައިވާ ކަމަށެވެ.

"މީގެ ތެރޭގައި ހިމެނޭ ހަމައެކަނި ބުކިން ފީގެ 50،000 ރުފިޔާ ދެއްކެވި ބޭފުޅުންނާއި، 350000 ރުފިޔާ ދެއްކެވި ބޭފުޅުންނާއި، 450000 ރުފިޔާ ދެއްކެވި ބޭފުޅުންނާއި، 900000 ދެއްކެވި ބޭފުޅުންނާއި، 951000 ދެއްކެވި ބޭފުޅުން ވެސް ހިމެނޭ އަޅުގަނޑުމެންގެ މައުލޫމާތު ކުށް ނޫންނަމަ، ބައެއް ބޭފުޅުން މިލިއަން ރުފިޔާ ވެސް ދައްކަވާފައި. އަޅުގަނޑުމެން އަދިވެސް މިދަނީ ބަލަމުން. އެއަށްވުރެ ބޮޑެތި އަދަދުތައް ވެސް އެބަ އުޅޭ،" ލިޓިކާ ލޯ އެސޯސިއޭޓްސްގެ ގާނޫނީ ޓީމުން ބުންޏެވެ.

ސީލައިފް ގްލޯބަލްއިން 2014 ވަނަ އަހަރު ބިންގާ އެޅުމަށްފަހު މިހާތަނަށް ކުރެވިފައިވާ މަސައްކަތަކީ ފައުންޑޭޝަންގެ މަސައްކަތެވެ. ފައުންޑޭޝަން އުޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އެ ޕްރޮޖެކްޓަކީ ސީލައިފް ގްލޯބަލްއިން ދެ ފިޔަވައްސަކަށް ބަހާލައިގެން ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދަން ރާވާފައިވާ ޕްރޮޖެކްޓެކެވެ. އޭގެ ތެރޭގައި 3000 ހައުސިން ޔުނިޓަކާއި އޮފީސް ކޮމްޕްލެކްސްއެއް ހިމެނެއެވެ.

"ދެވަނަ ފިޔަވަހީގެ އެއްވެސް މަސައްކަތެއް އަދި ނުފެށޭ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް އެއްގޮތަކަށް ކުރިއަކަށް ނުދޭ. ފުރަތަމަ ފިޔަވަހީގައި މިއަޅަނީ 1000 ހައުސިން ޔުނިޓް. އޭގެ މައްސަލައެއް ހަގީގަތުގައި މިއުޅެނީ. ޖެނުއަރީ މަހު ވެސް ބައެއް ބޭފުޅުން ފައިސާ ހޯދުމަށް މަސައްކަތް ފެށި. ބުކިން ފީ ހޯދުމަށް، ޑައުން ޕޭމަންޓް ހޯދުމަށް، އެކި ގޮތްގޮތުން މަސައްކަތްކުރި. ޖެނުއަރީ މަހު ވަޑައިގެންނެވީމަ މި ވިދާޅުވަނީ ފެބްރުއަރީ މަހު ވަޑައިގަންނަވާށޭ. ފެބްރުއަރީ މަހު ވަޑައިގެންނެވީމަ މި ވިދާޅުވަނީ މާޗް މަހު ވަޑައިގަންނަވާށޭ،" ލިޓިކާ ލޯ އެސޯސިއޭޓްސްގެ ގާނޫނީ ޓީމުން ބުންޏެވެ.

ސެޕްޓެމްބަރު މަހަށް ފަހު ސީލައިފް ގްލޯބަލްގެ އޮފީސް ތަޅުލާފައި ހުންނަ ކަމަށާއި އޮފީސް ހުޅުވާނެ ގަޑި ޖަހާފައި ހުންނަ ނަމަވެސް އެ އޮފީސް އެ ގަޑިތަކަށް ވެސް ނުހުޅުވާ ކަމަށެވެ. އަދި ސީލައިފް ގްލޯބަލްއަށް ފައިސާ ދެއްކި މީހުންނަށް ގިނަ ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް ގާނޫނީ ޓީމުން ފާހަގަކުރިއެވެ.

"ބައެއް ބޭބޭފުޅުން ގެދޮރު މޯގޭޖް ކޮށްގެން ލޯން ނަގައިގެން ފައިސާ ދައްކާފައި އެބަހުރި. އެބޭފުޅުންގެ އިންޓަރެސްޓް ދުވަހެއް ދުވަހަކަށް ދާނީ އަރަމުން. މިހާރު އެބޭފުޅުން ލޯނަށް ފައިސާ ދައްކަވަން އެބަޖެހޭ، ފްލެޓެއް ނުލިބޭ، ދެން އެބޭފުޅުން ހަދާނީ ކިހިނެއްތޯ. ހަގީގަތުގައި އެ ހާލަތުގައި ތިއްބެވި ބޭފުޅުންގެ ސުވާލަކީ މިއީ،" ލިޓިކާ ލޯ އެސޯސިއޭޓްސްގެ ގާނޫނީ ޓީމުން ބުންޏެވެ.

ގާނޫނީ ވަކީލު ޝުނާނާ ވިދާޅުވީ ހަމައެކަނި ސިވިލް ކޯޓަށް ހުށަހަޅައިގެން ނުފުދޭ ކަމަށާއި އެއީ ޖިނާއީ އަމަލެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

"މި މައްސަލައަކީ އާދައިގެ، އެއްވެސް ކަހަލަ ފްރޯޑެއް ނުހިނގާ ކަމެއް ނަމަ، ވަރަށް ފަސޭހަ ވާނެ. ފައިސާ ބަލާ އަންނަން ވަކި މުއްދަތެއް ދީފައި، ފައިސާ ބަލާ ދިޔައީމަ އެތަން ބަންދުކޮށްފައި ހުރުމަކީ ފައިސާ ނުދޭންވެގެން ގަސްތުގައި ކޮށްފައިހުރި ކަމެކޭ އަޅުގަނޑުމެންނަށް ބެލެވެނީ. ކުންފުނީގެ އެމްޑީ ހުންނެވީ ސްރީލަންކާގައި. ކުންފުނީގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ވެސް ދައުވާ ކުރަން އެބަޖެހޭ. ކުންފުނީގެ ޑިރެކްޓަރުން ވެސް އެބަހުރި ބަދަލުވެފައި. ޝެއާ ހޯލްޑަރުންވެސް އެބަހުރި ބަދަލުވެފައި. ފްރޯޑްގެ އަމަލެއް ޝައްކުކުރެވޭ ކަހަލަ ގޮތަކަށް ޝެއާ ސްޓްރަކްޗާ ވެސް ބަދަލުވެފައި ހުރީ،" އޭނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ ސީލައިފްއިން ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިހުރި ހަތަރު އެކައުންޓުގައި ވެސް މިހާރު ފައިސާ ނެތް ކަމުގެ މައުލޫމާތު ލިބިފައވާ ކަމަށާއި އެކަމުގެ ޒިންމާވާން ޖެހޭ ފަރާތްތައް ބަލައި، އެ ފަރާތްތަކާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރާނެ ކަމަށެވެ. އަދި އެކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޒިންމާ ވެސް އަދާކޮށްފައި ނުވާ ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބެލުމަށް އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ވެސް ޝުނާނާ ވިދާޅުވިއެވެ.

"އެ ފްރޯޑް ސްކީމް އެގޮތަށް ކުރިއަށްދާ އިރު އެކަމާ ދޭތެރޭ އެޗްޑީސީން ފިޔަވަޅު އެޅި ނަމަ، މިހާ ހިސާބަށް މިއަދު އަންނާކަށް ނުޖެހުނީސް. އެ ފައިސާ ހިފައިގެން އެ ބޭފުޅުންނަށް ފިލައިގެން ދިއުމުގެ ފުރުސަތެއް ނުލިބުނީސް. އަޅުގަނޑުމެންނަށް ތުހުމަތުކުރެވިގެންދަނީ އެޗްޑީސީގެ ޑިރެކްޓަރުންނާއި ސީލައިފް ކުންފުނީގެ ޑިރެކްޓަރުންނާ ކޮންމެވެސް ގުޅުމެއް އޮވެގެން، އަޅުގަނޑުމެންނަށް ތުހުމަތުކުރެވެނީ އެޗްޑީސީގެ ޑިރެކްޓަރުންނަށް ކޮންމެވެސް ވަރެއްގެ މަންފާއެއް ލިބިގެން މިކަންކަން ކުރިއަށް ގޮސްފައި އޮތް ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޝުނާނާ އިތުރަށް ވިދާޅުވީ ދައުލަތުގެ ވެރިޔަކު ނުވަތަ މުވައްޒަފަކު ވެސް ސީ ލައިފް ގޯލްބަލް އިން ހިންގި މަކަރާއި ހީލަތުގެ އަމަލުގެ ތެރޭގައި ބައިވެރިވެފައިވާ ނަމަ އިންސާފުގެ ކުރިމައްޗަށް ގެނެސް، އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ފައިސާ ހޯދައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.