ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލަން ތައްޔާރުވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ އެ ކުންފުނިން މިހާރު ކުރަމުންދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
"އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލެވޭނެ،" އެޗްޑީސީން ބުންޏެވެ.
ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ އިރު، ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ ކަމަށް އެޗްޑީސީން ބުންޏެވެ.
ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަލައިގެން ކަމަށް އެޗްޑީސީން ބުންޏެވެ.
އެ 11 ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށް ވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.