ޚަބަރު

ބްރިޖުން ޓޯލް ނެގުމަކީ އަޅުގަނޑު ސިޔާސަތެއް ނޫން: ރައީސް

އަލީ ޔާމިން

ސިނަމާލެ ބުރިޖުން ދަތުރު ކުރާ މީހުންގެ އަތުން ފީއެއް (ޓޯލް) ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާ މީހުންގެ އަތުން ފީއެއް ނެގުމާ ގުޅޭ ދިރާސާއެއް ކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ ރޭ ދަރުބާރުގޭގައި ބޭއްވި "މާލެ ފަހި" ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. އެ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީވެސް ރައީސް މުއިއްޒެވެ.

ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ދެއްކި ޕްރެޒެންޓޭޝަންގައި ބުނެފައިވަނީ ސިނަމާލެ ބުރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުން ހުރި ދައުލަތުގެ ހުރިހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓޯލް ފީއެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި ގުޅޭ ގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

އެކަމާ ގުޅިގެން ބައެއް ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބުރިޖުން ދަތުރުކުރާ މީހުންގެ އަތުން ފީއެއް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި "މާލެ ފަހި" ޕްރޮގްރާމުގައި ފީ ނެގުމާގުޅޭ ދިރާސާއެއް ކުރަން ނިންމާފައިވަނީ ފަންނީ ގޮތެއްގައި އެކަމުގެ ލަފާ އެ މަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ އިގްތިސޯދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމަކީ އާމްދަނީ އިތުރުކުރުމަށް 2026، 2027 އަދި 2028 ވަނަ އަހަރު ސަރުކާރުން އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޓޯލް ނިޒާމެއް ގާއިމުކުރަން ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ސީސީސީސީ ކުންފުނިން ބުރިޖު މަސައްކަތް ކުރިއަށް ގެންދިޔައިރުއެވެ. އޭރު ބުރިޖުން ފީއެއް ނެގުމުގެ މަޝްވަރާތައް ކުރީ ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީވެސް ގުޅިގެންނެވެ.

އޭގެ ފަހުން 2018 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިނަމާލެ ބުރިޖާއި ހައިވޭއިން ނަގާ ޓޯލް ފީން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ހިމެނި ނަމަވެސް ފަހުން އެކަން ނުކުރާން ނިންމިއެވެ.