ދީބާޖާ އިންވެސްޓްމަންޓަށް ސަރުކާރުން ބަދަލު ދިނުމަށް ކުރި ހުކުމްގެ ތަންފީޒީ މަރުހަލާ މާދަމާ ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފިއެވެ.
މީގެ ކުރިން 2014 ވަނަ އަހަރުގެ ތެރެއިން ސިވިލް ކޯޓުން ވަނީ ދީބާޖާއާއި ސަރުކާރުން 2010 ވަނަ އަހަރު ހެދި އެއްބަސްވުމެއް ސަރުކާރުން ބާތިލް ކުރުމާ ގުޅިގެން އެކަމުގެ ބަދަލަށް ދައުލަތުން ދީބާޖާއަށް 348 މިލިއަން ރުފިއާ ދިނުމަށް ހުކުމްކޮށްފައެވެ. މި މައްސަލަ ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި ދީބާޖާއިން ފާހަގަކޮށްފައިވަނީ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ފަހުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓުމަށް އަމުރުކޮށްފައެވެ.
2010 ވަނަ އަހަރު ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ކަންކަން އެއްބަސްވުމެއްގެ ދަށުން ސަރުކާރުން ދީބާޖާއަށް ދިން ނަމަވެސް އެ އެއްބަސްވުމުން 2013 ވަނަ އަހަރު ވަނީ ބާތިލްކޮށްފައެވެ.
ދީބާޖާއަށް ސަރުކާރުން ބަދަލު ދިނުމަށް ކުރި ހުކުމުގެ ތަންފީޒީ މަރުހަލާގެ އަޑުއެހުން ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:45 ގައެވެ.