ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. އެހެންކަމުން ދިވެހި އަންހެނުންނަކީ ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކޮށް އާ އީޖާދުތައް ކުރާ ބައެކެވެ.
އެގޮތުން ބަރަބޯ ފަންޏަކީވެސް މީރުކޮށް ތައްޔާރުކޮށްލެވިއްޖެނަމަ ވަރަށް މީރު ބުއިމެކެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ބަރަބޯ (ގާނާފައި ހުރި)
1 ޖޯޑު ހަކުރު
1 އިންޗީގެ 5 ރާނބާފަތްކޮޅު
6 ކާފޫރު ތޮޅި (ދެކޮޅު ބުރިކޮށްފައި)
2 އިންޗި ފޮނިތޮށި
12 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ 5 ޖޯޑު ފެން އުނދުންމައްޗަށް އުދާށެވެ. ފެންފޮދު ކެކިގަތީމައި ބަރަބޯ، ހަކުރު، ރާނބާފަތް، ކާފޫރުތޮޅި، ފޮނިތޮށި އަޅައިގެން 10 މިނެޓް ވަންދެން ކައްކާށެވެ. އެއަށްފަހު 7 ޖޯޑު ފެން އަޅައިގެން އިރުކޮޅަކު އުނދުންމަތީ ބެހެއްޓުމަށްފަހު ކެކިގަތުމުން ފޮނި ރަހަ ހެޔޮވަރުކޮށްފައި ބާލާށެވެ. ހިހޫ ވުމުން ފުރާނާލުމަށްފަހު އައިސް އަލަމާރިއަށް ލާށެވެ.
ބަރަބޮލަކީ ސިއްހަތަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ބަރަބޯ ޖޫހަކީ ނިދުމުގައި މައްސަލަ އުޅޭ މީހުންނަށްވެސް ފައިދާ ހުރި ބުއިމެކެވެ. އެގޮތުން ރޭގަނޑު ނިދަން އުނދަގޫނަމަ ކޮންމެ ރެއަކު ބަރަބޯ ޖޫސް ތަށްޓެއްގެ ތެރެއަށް މާމުއި ކޮޅެއް އަޅައިގެން ބުއިމަށް އާދަ ކުރާށެވެ. އަދި ބަރަބޮލަކީ ބަރުދަން ލުއިކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ.