ރޯދަމަސް

ވަން ރެސިޕީ: މާކަށިކެޔޮ ފަނި

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.

އެގޮތުން ކަށިކެޔޮ ފަންޏަކީ ދިވެހީންނަށް ވަރަށް މީރު، އަދި ހަށިގަނޑަށްވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ.

ބޭނުންވާ ތަކެތި:

މާކަށިކެޔޮ ( އަރިއަށްވާގޮތަށް ލިޔެފައި ހުރި)

ހަކުރު

ފެން

ރާނބާފަތް

ތައްޔާރުކުރާ ގޮތް:

ފުރަތަމަ ތެއްޔަކަށް ފެން އަޅައިފައި އުނދުން މައްޗަށް އުދާށެވެ. ފެންފޮދު ކެކިގަތުމުން ކަށިކެޔޮ ކޮޅު، ހަކުރު، ރާނބާފަތް އަޅައިގެން މަޑުވަންދެން ކަށްކާށެވެ. މަޑުވުމުން ކަށިކެޔޮ ކޮޅު އުނދުޅިން ޗަސްކޮށްލާފައި، ބޭނުންވާރަށް ފެން އަޅައި، ފޮނި ރަހަ ހެޔޮވަރުކޮށްލާށެވެ. އެއަށްފަހު ފުރޭނިން ރަނގަޅަށް ފުރާނައިލުމަށްފަހު އައިސް އަލަމާރިއަށް ފިނިކުރަން ލާށެވެ. މިއީ މާކަށިކެޔޮ ކައްކައިގެން ހަދާ ފަންޏެކެވެ.

ނަމަވެސް ކަށިކެޔޮ ނުކައްކައި ރޮލާވެސް ފަނި ހެދޭނެއެވެ.

ރޮލާ ފަނި ހަދާނަމަ، ކަށިކެޔޮ ތުނިކޮށް ލިޔާށެވެ. ލިޔެފައި ރަހަލާ ވަރަށް ހަކުރު އަޅައިގެން މިކްސަރުން ގިރާލާށެވެ. ފުރޭނިން ފުރާނައިލުމަށްފަހު ފޮނި ރަހަ ހެޔޮވަރުކޮށްފައި އައިސް އަލަމާރިއަށް ލާށެވެ.