ޚަބަރު

ސުލޫކީ މިންގަނޑާ ހިލާފުވާ މެންބަރުން ސަސްޕެންޑް ކުރެވޭ ގޮތް ހަދައިފި

އިބްރާހިމް ޒަކީ

ސުލޫކީ މިންގަޑާ ހިލާފުވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސް ޖަލްސާއިންނާއި ކޮމިޓީ ބައްދަލުވުންތަކުން ސަސްޕެންޑް ކުރެވޭގޮތަށް، ހިމަނައި މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށް އަމަލު ކުރަން ފަށައިފިއެވެ.

މީގެކުރިން އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މެންބަރުންނާ މެދު އަޅާނެ ސުލޫކީ ފިޔަވުޅުތަކެއް ހިމަނާފައެއް ނުވެއެވެ.

ގަވާއިދުގެ 18 ވަނަ ބާބުގައި، 61 ވަނަ މާއްދާއިން ފެށިގެން 73 ވަނަ މާއދާގެ ނިޔަލަށް، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް ވަނީ ހިމަނައިފައެވެ.

ސުލޫކީ މިންގަނޑާ މެންބަރަކު ހިލާފުވުން މާނަކުރެވޭ ގޮތް ކަނޑައަޅާފައި ވަނީ 70 ވަނަ މާއްދާގައެވެ.

އެ މާއްދާގައި ބުނެފައި ވަނީ، މެންބަރަކު އެއްވެސް ގާނޫނަކާއި އަދި އެއްވެސް ގަވާއިދަކާ ހިލާފުވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑަކާ ހިލާފުވެއްޖެނަމަ އެއީ މުޅި ސުލޫކާ ހިލާފުވުން ކަމަށް ބެލެވޭނެ ކަމަށެވެ.

ގަވާއިދުގެ 71 ވަނަ މާއްދާގައި ވަނީ މެންބަރާމެދު އެޅޭނެ ސުލޫކީ ފިޔަވަޅުތައް ބަޔާންކޮށްފައެވެ.

  • އެ މެންބަރު ކުރި އަމަލު ކުށްވެރިކޮށް އެކަމާގުޅޭގޮތުން ރަސްމީ ލިއުމެއް އެ މެންބަރަށް ފޮނުވައި، އެ ލިއުމުގެ ކޮޕީއެއް އެހެން މެންބަރުންނަަށް ފޮނުވުން
  • މެންބަރުކުރީ މަޖިލީހުގެ ގަދަރަށް އުނިކަންލިބޭ ކަމެއްކަން ބަޔާންކޮށް، އެކަން ކުށްވެރިކޮށް، މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާންކޮށް، އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން
  • ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުމުން މަހުރޫމުކުރުން
  • ރަސްމީ ދަތުރުތަކާއި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމުކުރުން

މެންބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފިނަމަ، އެ ދިން ގެއްލުމުގެ ބަދަލު އެ މެންބަރެއްގެ މުސާރައިންއުނިކުރުމަށްވެސް ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް ބައެއްކަހަލަ މައްސަލަތަކުގެ ވޯޓު ނެގުމަށް ކަނޑައަޅާފައިވާ ޖަލްސާއެެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި އެފަދަ މެންބަރުންނަށް ބައިވެރިވެވޭނެކަަމަށް ގަވާއިދުގައި ބުނެއެވެ.

އެ ބައްދަލުވުންތަކަކީ:

  • ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ މައްސަލަ
  • ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެމައްސަލަ
  • ފަނޑީޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބޭމީހުން ވަކިކުރުމުގެ މައްސަލަ
  • ދައުލަތުގެ ބަޖެޓް ފާސްކުރު މުގެ މައްސަލަ