ނެޝަނަލް އާޓް ގެލަރީގެ އަބާތުރަ ފިލުވާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކޮށްފި އެވެ.
ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ދެވަނަ ފަހަރަށް ނެޝަނަލް އާޓް ގެލަރީގެ އަބާތުރަ ފިލުވާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ވަނީ މިއަދުއެވެ. މީގެ ކުރިން ނެޝަނަލް އާޓް ގެލަރީގެ އަބާތުރަ ފިލުވާނެ ފަރާތެއް ހޯދުމަށް މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ. ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހާމަކުރާ ގޮތުގައި ކުރިން ކުރި އިއުލާނު ބާތިލްކޮށް އަލުން މިއަދު އިއުލާނުކޮށްފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔުންތައް ހަމަނުވުމުގެ ސަބަބުންނެވެ.
ނެޝަނަލް އާޓް ގެލަރީގެ އަބާތުރަ ފިލުވުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ފަހު މިމަހު 22ގެ ކުރިން އެސްޓިމޭޓް ހުށަހަޅަން ޖެހެއެވެ. އަދި އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މިމަހު 15 ގައި ނެޝަނަލް އާޓް ގެލެރީގެ ހޯލުގައި ކުރިއަށްދާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ސާފުކުރާ ފަރާތްތަކަށް ކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހާމަކުރެއެވެ.