އިބްރާހިމް ޒަކީ
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަަލަ ވަގުތުން ހައްލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫއާއި ފޭދޫގައި 30،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭއިރު ކޮންމެ ދުވަހަކު އެތައް ގަޑިއިރަކަށް އެތައް ފަހަރަކު ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ އަސާސީ މަސައްކަތްތައްވެސް ނުކުރެވޭ ކަމަށެވެ.
އެ ސިޓީއަށް ކަރަންޓް ދިނުމުގައި ސަރުކާރު އިހުމާލުވުމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު އައްޑޫގެ ކަރަންޓުގެ ހިދުމަތް އެންމެ އަަސާސީ މިންވަރަށް ފޯރުކޮށްދިނުމަށްވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން އައްޑޫގެ ސްކޫލްތަކާއި އޮފީސްތަކާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތް އާންމުންނަށް ނުދެވޭއިރު، ރައްޔިތުންގެ އަގުބޮޑު ކަރަންޓް ސާމާނުތައް ހަލާކުވަމުންދާ ކަމަށެވެ.
ނާޒިލް ވިދާޅުވީ، ކަރަންޓްގެ ހިދުމަތް ފަދަ އަސާސީ ހައްގެއް ދިގު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްގުތަކަށްވެސް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް ވީހިނދު އެކަމަކީ މަޖިލީހުގެ ކަންބޮޑުވުންވެސް އެކަމުގައި އޮތް ކަމެއް ކަމަށެވެ.
އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނާ އެއްގޮތަށް އެ ހިދުމަތް ދިނުމަށް ސަރުކާރު އިހުމާލުވެފައިވާއިރު، ކޮންމެ ދުވަހަކު އެތައް ފަހަރަކު ކަރަންޓް ކަނޑައިލަމުންދަނީ ހަކަތައިގެ ގާނޫނު ލާޒިމުކޮށްފައިވާ ފަދައިން ކަރަންޓް ކަނޑާލުމުގެ ކުރިން ދޭންޖެހޭ ނޯޓިސް ވެސް ރައްޔިތުންނަށް ނުދީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ، އުމްރާނީ ތަރައްގީއާއި އިންސާނީ ތަރައްގީއަށް ބޭނުންވާ އެއްވެސް މަސައްކަތެއް އަދި އެފަދަ ސިޔާސަތެއްވެސް ސަރުކާރުން ތަންފީޒުކުރަމުން ނުދާއިރު އައްޑޫ އިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
އަދި އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަަވަޅުތައް އެޅުމަކީ އެންވަޔަރަމަންޓް މިނިސްޓަރުގެ ގާނޫނީ ޒިންމާއަކަށްވީ އިރު، އެ ޒިންމާ ވަގުތުން ވަގުތައް އަދާކުރުމަށް މިނިސްޓަރަށް ނާޒިލް ވަނީ ގޮވާލައިފައެވެ.