ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން މުރަނގަ ތޮޅި މަސްހުންޏަކީ ވަރަށް މީރު، ދިވެހިންނަށް ވަރަށް ކަމުދާ ކެއުމެކެވެ. މިއީ ރޮއްޓާއެކު ކާލަން ވަރަށް މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1 ކިލޯ މުރަނގަ ތޮޅި (ކައްކާ މަޑުކުރުމަށްފަހު ފުށް ދަމާފައި)
1 ދަޅު މަސް
2 ފިޔާ
1 ލުނބޯ
1 ގިތެޔޮ މިރުސް
1/2 ޖޯޑު ކާށި ހުނި
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ މުރަނގަ ތޮޅި ތޮށި ދަމާފައި ކުޑަ ލޮނުކޮޅެއް ލައިގެން މަޑުވަންދެން ކައްކާށެވެ. އެއަށްފަހު ތޮޅީގެ އެތެރޭގައި ހުރި ފުށް ސަމުސަލަކުން ކަހާށެވެ. ދެން ފިޔާ، މިރުސް، ރަހަލާ ވަރަށް ލޮނު، ލުނބޯ ހުތް ޖަހައިގެން މޮޑެލާށެވެ. މޮޑުނު ފިޔާކޮޅުގެ ތެރެއަށް މަސް ދަޅު، ހުނި އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން މަސްގަނޑުގެ ތެރެއަށް މުރަނގަ ތޮޅީގެ ފުށްކޮޅު އަޅައިލުމަށްފަހު ރަނގަޅަށް މޮޑެލާފައި ލޮނު ރަހަ ހެޔޮވަރު ކޮށްލާށެވެ. ރޮއްޓާއެކު ކާލަން ވަރަށް މީރުވާނެއެވެ.