ހަމައެއް އުސޫލެއްނެތި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އަނިޔާވެރި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ޕީއެންސީން ބުނެފިއެވެ.
އެޕާޓީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ވަނީ ވަކި ސިޔާސީ ފަރާތްތަކަށް ތާއީދުކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދައްކައި، އެފަރާތްތަކުން ވަޒީފާ އަދާކުރާތަން ބަދަލުކޮށް އެތައް ބަޔަކަށް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެފައެވެ. އަދި މި ރަމަޟާން މަހުވެސް ކުންފުނިތަކުގަިއ މަސައްކަތް ކުރާ އެތައް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޕީއެންސީން ވަނީ ތުހުމަތު ކޮށްފައެވެ.
މިހާރުގެ ސަރުކާރުން ވެރިކަމަށް އައީ ކޮންމެ ސިޔާސީ ފިކުރެއްގެ މީހެއްކަމުގައިވީ ނަމަވެސް ވަޒީފާގައި ހަމަޖެހިގެން އުޅެވޭނެކަމުގެ ޔަގީންކަން ދެމުން ކަމަށާއި، ނަމަވެސް ވެރިކަމަށް އައުމަށްފަހު ކަން ކުރަމުން އަންނަނީ ވެފައިވާ ވައުދާ ހިލާފައް ކަމަށްވެސް ޕީއެންސީން މި ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އަދި ކެމްޕެއިންގެ ވައުދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.
ޕީއެންސީން ބުނިގޮތުގައި ވަޒީފާގައި އުޅޭ ކޮންމެ މީހަކީ އާއިލީ ޒިންމާތައް އުފުލާ ބަޔަކަށްވާ އިރު، ވަޒީފާއިން ވަކިކޮށްލުމުން އެމީހާގެ އާއިލާއަށް އެކަމުގެ ވޭނާއި ކެކުޅުން ތަހައްމަލު ކުރަން ޖެހޭނެއެވެ.
މި ނޫސްބަޔާނުގައި ޕީއެންސީން ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމާއި އައިޖީއެމްއެޗްގެ ހާލަތުވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުން ކަރަންޓުގެ ހިދުމަތް ކެނޑުމުގެ މައްސަލައަކީ ސަރުކާރުގެ ދޯހަޅު ސިޔާސަތުތަކާއި ކަންކަން ކުރުމުގެ ގާބިލްކަން ނެތްކަމުގެ ހެތްކެއް ކަމަށް ޕީއެންސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގެ އޭސީތައް ހަލާކުވެ، ހިދުމަތް ހޯދާ މީހުންނަށް އެކަމުގެ ސަބަބުން އެކި އުނދަގޫތަކާއި ކުރިމަތިވެފައި ވާއިރު އެކަމަށް ހައްލެއް ގެނެވިފައި ނެތަކަން ޕީއެންސީ އިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށް ސަރުކާރުން ޒިންމާދާރުވާން ޖެހޭކަމަށް ޕީއެންސީން ބުނެއެވެ.
ޕީއެންސީން ސަރުކާރަށް ގޮވާލާފައިވަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ވީހާވެސް އަވަސް ސްޕީޑެއްގައި ފަހިކޮށްދިނުމަށެވެ. އަދި ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމަށް ޕީއެންސީން ތައްޔާރުކަމަށް އެ ޕާޓީން ބުނެފައިވެއެވެ.