މުޙައްމަދު ޝަމްޢޫން
ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން ނޯމަލައިޒް ކޮށްފިއެވެ.
ފީފާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފީފާ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ ފީފާ ސްޓެޓަސްގެ އާޓިކަލް އަށެއްގެ ޕެރެގްރާފް ދެއަކަށް ރިއާޔަތްކޮށް ރާއްޖޭގެ ފުޓުބޯޅަ އިދާރާ ނޯމަލައިޒޭޝަން ކޮމިޓީއަކުން ހިންގުމަށް ކަމަށެވެ. ފީފާއިން ބުނެފައި ވަނީ ރާއްޖޭގެ އެފްއޭ ނޯމަލައިޒް ކުރަން ނިންމާފައި ވަނީ އޭއެފްސީގެ ލަފާގެ ވެސް މަތިން، އިދާރާ ހިންގުމުގެ ކަންކަން ހަމަ މަގަށް އަޅުވައި، ފައިސާގެ މައްސަލަތަކަށް ވެސް ހައްލު ހޯދުމަށް ކަމަށެވެ.
ފީފާއިން ރާއްޖޭގެ އެފްއޭ ނޯމަލައިޒް ކުރަން ނިންމާފައި ވަނީ މަސައްކަތްތައް ނިމެންދެންނެވެ. އެހެން ނަމަވެސް، އެންމެ ލަސްވެގެން ވެސް އެ މަސައްކަތްތައް 31 ޖުލައި 2025 ގެ ކުރިން ނިންމަން ފީފާއިން ޝަރުތު ކޮށްފައިވެއެވެ.
ރާއްޖޭގެ އެފްއޭ ވެސް ފީފާ އާއި އެފްއޭއެމް ގުޅިގެން އެކުލަވާލާ ހާއްސަ ކޮމިޓީއެއްގެ މެމްބަރުންނާ ހަވާލުކުރަން ނިންމާފައިވާ އިރު، އެ މެމްބަރުން އައްޔަން ކުރާނީ ފީފާއިން ހާއްސަ ކަންތައްތަކަށް ބަލައި، ހާއްސަ ރިވިއުތަކެއް ހެދުމަށްފަހު، ފީފާގެ އުސޫލުތަކާއި ހަމަތައް ކުރިއަށް ނެރޭނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ އިރު، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މިހާރު ވެސް ހުންނެވީ ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައެވެ. މިދިޔަ މަހު ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީންނެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ އާޓިކަލް 86 އަކަށް ރިއާޔަތް ކޮށެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އިންވެސްޓިގޭޓަރީ ޗެމްބާ އިން އެންގި އެންގުމަކާ ގުޅިގެންނެވެ. އެ ޗެމްބާ އިން ބައްސާމް ސަސްޕެންޑް ކުރަން އެދިފައި ވަނީ ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހިންގަމުން އަންނަ ބައްސާމްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތަހުގީގާ ގުޅިގެންނެވެ.
އޭގެ އިތުރުން ފީފާ ފަންޑުން ނާޖައިޒު ބޭނުންތައް ހިފައި، އެ ނަހަމަ ގޮތުގައި ބޭނުންކުރަމުން ދާ މައްސަލަ ވެސް ބަލަމުންދާ އިރު، މިދިޔަ އަހަރު އޮކްޓޯބަރު މަހު ފުލުހުން އެފްއޭއެމް ހައުސްއަށް ވަން ވަނުންވެސް އިންވެސްޓިގޭޓޮރީ ޗެމްބާ އިން ވަނީ ފާހަގަކޮށްފައެވެ.
ފީފާ އިން ބުނެފައި ވަނީ ރާއްޖެ އިން މިހާތަނަށް ހިންގާފައި ތަހުގީގުގެ އިތުރުން ފީފާ އާއި އޭއެފްސީގެ ޓީމުން ރާއްޖެ އައިސް ބެލިބެލުމުން ގޯސް ކަންތައްތަކެއް ހިންގާފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތަހުގީގުގެ އަލަތު މަރުހަލާ އިން ފާހަގަވާ ކަންކަމުގެ ތެރޭގައި ބައްސާމް، މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ހަދިޔާ ނެގުމާއި އަމިއްލަ ނާޖައިޒު ފައިދާތައް ނެގުމުގެ އިތުރުން ފަންޑުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އެ ހާލަތުގައި އެފްއޭ އޮތް އިރު، އިންތިހާބެއް ވެސް ނުބޭއްވި އޮތީ އެފްއޭ ތެރޭގައި ހިނގަމުންދާ ކަންކަމުގެ ސަބަބުންނެވެ. އެކަންކަން ބަލަން ރާއްޖެއަށް ފީފާ އާއި އޭއެފްސީގެ ޓީމެއް އައިސްފައިވެއެވެ. އެ ޓީމުން ރަސްމީކޮށް ނިންމި ނިންމުން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން އެފްއޭއެމްގެ އިންތިހާބު ދެ ފަހަރަށް ބާއްވަން އުޅެގެން ވެސް ވީ ނާކާމިޔާބެވެ. އެއީ ވެރިންގެ ނުފޫޒު ކްލަބުތަކަށް ފޯރުވާ، ކްލަބުތަކަށް ނުގަވައިދުން ފިޔަވަޅުތައްވެސް އަޅާފައި އޮތުމުންނެވެ.
އެފްއޭއެމްގެ ހިންގުން ފީފާއިން އެންމެފަހުން ހަވާލުކޮށްފައި ވަނީ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އާއެވެ. އޭނާއަށް ތަންފީޒު ކުރެވެނީ ހަމައެކަނި ފީފާގެ އެންގުންތަކެވެ.