އިބްރާހިމް ޒަކީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، އަހުމަދު މުނައްވަރުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މުނައްވަރަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން، މަޖިލިސް ރައީސް ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފައެވެ.
އެމްޑީޕީ ސަރުކާރުއްސުރެން މިހާތަނަށް ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަނީ އިއްޔެ އެ މަގާމުން ވަކިކުރައްވައިފައެވެ. ރައީސް މުއިއްޒު އޭނާ މަގާމުން ވަކިކުރެއްވީ ރައްޔިތުންގެ މަޖިލީހުން އެކަމަށް މަޝްވަރާ ދިނުމުންނެވެ.
އެމްއެމްއޭގެ އާ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ފޮނުއްވި މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުގައެވެ. އޭގެ އިތުރުން މުނައްވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރެވެ.