ޚަބަރު

އެމްޕީއެލްގެ ބޮންޑަށް އިންވެސްޓުކުރި މީހުންނަށް 3.5 މިލިއަން ރުފިޔާ ދީފި

ފާތިމަތު ލިޔުޝާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ބޮންޑުގައި އިންވެސްޓުކުރި މީހުންނަށް ފުރަތަމަ ކޫޕަން ޕޭމަންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ.

މިއީ އެމްޕީއެލް އިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑެވެ. އެ ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލީ 11 އޭޕްރީލް 2023ގައެވެ. މި ބޮންޑަށް ގިނަ ފަރާތްތަކުން އިންވެސްޓު ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލުން މިއަދު ބުނީ އެ ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓް ކުރި ފަރާތްތަކަށް ޖަމާކޮށްދީފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

އެ ކުންފުނީގެ ބޮންޑު ކާމިޔާބު ކަމާ އެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި މަސައްކަތް ކޮށްދިނީ ފާސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއެވެ. ފާސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަކީ ފައިނޭންސްގެ ދާއިރާގައި އަދި ހާއްސަކޮށް ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.

އެފަދަ ބޮންޑުތަކުގައި އިންވެސްޓުކުރުމަށް ލިބޭ ފުރުސަތުތަކަކީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓު ކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.