ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގެ ރިޔާސީ ރޭހުން އިއްޔެ ވަކިވެވަޑައިގެންފައެވެ. ވޯޓުނަގަން އެންމެ 107 ދުވަހަށް ވެފައިވަނިކޮށެވެ. އެމެރިކާގެ މުޅި ތާރީޚުގައިވެސް އިންތިޚާބު މިހާ ގާތްވެފައިވަނިކޮށް ރައީސްކަމުގައި ހުންނެވި ބޭފުޅަކު ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެއް ނުވެއެވެ. އެހެންވީމާ މިއީ މުޅިން އައު ތަޖުރިބާއެކެވެ. އައުކަމެކެވެ. އިންތިޚާބު ހަތަރު މަހަށްވުރެ ގާތްވެފައިވަނިކޮށް ރައީސް ޖޯ ބައިޑެން މިރޭހުން ވަކިވެވަޑައިގެންނެވިއިރު މިޔާ އެންމެ ކައިރިކުރާ ގޮތަކަށް އެމެރިކާގެ ރައީސަކު ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައިވަނީ މީގެ 56 އަހަރު ކުރިންނެވެ. ރައީސް ލިންޑަން ބީ ޖޮންސަން 1968 ވަނަ އަހަރު ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވީ އިންތިޚާބުގެ ހައެއްކަމަސް ކުރިންނެވެ. އަނެއްކާ ރައީސް ޖޯ ބައިޑެން މި ނިންމެވުން ނިންމަވައި އެކަން އިއުލާން ކުރެއްވީވެސް އެހެން ބޭފުޅަކު އެކަން ނުކުރައްވާ އަދި ބަޔަކު ހިތަށްވެސް ނާރާ ގޮތަކަށެވެ.
ގައުމުގެ ކުރިމަގާ ގުޅިފައިވާ މިހާ ބޮޑު ނިންމުމެއް އިއުލާން ކުރެއްވީ ވައިޓްހައުސްގައި ހުންނަ އޯވަލް އޮފީހުގައި އިންނަވައިގެނެއް ނޫނެވެ. އަދި ނޫސްވެރިންގެ ހާޒިރުގައި ކެމެރާތަކުގެ ކުރިމައްޗަކުވެސް ނޫނެވެ. ޑިލަވެއަރ ސްޓޭޓްގެ އަތިރިމަތީގައި ހުންނަ އޭނާގެ އަމިއްލަ ބީޗް ހައުސްއެއްގައި މުޅިން އެކަހެރިކޮށް ހުންނަވައިގެންނެވެ. ޓުވިޓަރގައި ހިއްސާކުރެއްވި ސިޓީފުޅަކުންނެވެ. މިބާވަތުގެ ކަމެއްގައި މީހަކަށް އެކަހެރިވެވޭނެ އެންމެ މަތީ ދަރަޖައަށް އެކަހެރިކަންމަތީގައި ހުންނަވައިގެންނެވެ. މިދެންނެވި ބީޗް ހައުސްއަށް އޭނާ ވަޑައިގެންނެވީ އަނެއްކާވެސް ކޮވިޑުގެ ކަންތައް ތަހައްމަލްކުރަންޖެހުމާ ވިދިގެން އެތަނުގައި އެކަހެރިވެ ހުންނަވައިގެން ފަރުވާ ހޯއްދެވުމާއި އަރާމު ކުރެއްވުމަށެވެ. ރައީސް ބައިޑެންގެ ސިއްހަތާއި އުމުރުފުޅަށް ރިއާޔަތް ކުރައްވައި އެމެރިކާޔާއި އެމެރިކާގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާން ކުރެެއްވުމާއެކު އެހެންކަމެއްވެސް އޭނާ އިއުލާން ކުރެއްވިއެވެ.
އޭނާގެ ތާއީދު ދެންއޮތީ ނާއިބުރައީސާ ކަމަލާ ހެރިސްއަށް ކަމަށް ވިދާޅުވެ ޑިމޮކްރަޓިކް ޕާޓީން އެކަމަނާއަށް ތާއީދުކޮށްދިނުމަށް ބައިޑެން އެދިވަޑައިގަތެވެ. މިދަނޑިވަޅުގައި ޕާޓީ ބައިބައިނުވެ އެކަތިގަޑެއްގެ ގޮތުގައި ކަމަލާ ހެރިސްގެ ފަހަތަށް އެރުމަށް އިލްތިމާސް ކުރެއްވިއެވެ. ބައިޑެން މިކަމަށް އެދިވަޑައިގަތަސް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަކީ ކަމަލާ ހެރިސްއަށް އަދި މުޅިން ކަށަވަރު އެއްޗެއް ނޫނެވެ. އެކަން ނިންމާނީ ޑިމޮކްރަޓިކް ޕާޓީގެ ގައުމީ މަހާސިންތާއަކުންނެވެ. ދެން ލަސްތަކެއްނުވެ އެކަންވެސް ކުރާނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު މިހާ ގާތްވެފައިވަނިކޮށް ކުއްލިއަކަށް މިފަދަ ބޮޑު އަދި އަޖައިބު ނިންމުމެއް ރައީސް ބައިޑެން ނިންމެވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ. އޭނާއަށް ކުރިމަތިވެވަޑައިގެންނެވީ ކޮންކަހަލަ މަޖްބޫރީ ހާލަތެއް ހެއްޔެވެ. ރައީސް ބައިޑެން މިފަދަ ބޮޑު ނިންމުމެއް ނިންމެވުމުގެ ފަހަތުގައިވާ ސަބަބުތަކަށް ކުރުގޮތަކަށް ބަލައިލަމާބަހީއެވެ.
ރިޔާސަތުގެ ދެވަނަ ދައުރެެއް ކާމިޔާބު ކުރެއްވުމަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ބައިޑެން އިއުލާންކުރެއްވި ދުވަހުން ފެށިގެންވެސް މައްސަލަތައް ވަނީ އުފެދިފައެވެ. އެކަމުގެ ސިއްރަކީ އޭނާގެ އުމުރާއި ސިއްހީ ހާލަތެވެ. ބައިޑެންގެ އުމުރަކީ މިހާރު 82 އަހަރެވެ. އެމެރިކާގެ ތާރީޚުގައިވެސް އެންމެ މުސްކުޅި ރައީސެވެ. މީގެ އިތުރަށް އޭނާގެ ސިއްހަތު ނުހަނު ގޯހެވެ. ކަންކަން ހަނދާނެއް ނުހުރެއެވެ. ތަންތަނުގެ ނަމާއި މީހުންގެ ނަންނަންވެސް ހަނދާނެއް ނުހުރެއެވެ. މިހެންގޮސް ބައިވަރު ކަންކަމެވެ. އެކަމަކު ބައިޑެން ވިދާޅުވަމުން ގެންދެވީ އޭނާގެ ސިއްހަތު ބަރާބަރު ކަމުގައެވެ. ބައިޑެންގެ އެހީތެރިންވެސް ވިދާޅުވަމުން ގެންދެވީ އޭނާގެ ސިއްހަތު ބަރާބަރު ކަމުގައެވެ. ވައިޓްހައުސްއިން މިކަމުގައި މަތިމައްޗަށް ހަދަމުންދިޔައީ ދޮގެވެ. ބައިޑެންގެ ސިއްހީ އެއްވެސް މައްސަލައެއް ނެތްކަން ހާމަކޮށްދިނުމަށް ނުހަދާކަށް ވަކި ދޮގެއް ނުބާއްވައެވެ. މިދޮގުތައް ފަޅާއެރީ ރިޔާސީ ބަހުސުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ކެންޑިޑޭޓުންގެ މެދުގައި އޮންނަ ރިޔާސީ ބަހުސަކީ ވަރަށްވެސް މުހިންމު ބަހުސެކެވެ. އާއްމުގޮތެއްގައި މި ބަހުސް އޮންނަނީ ވޯޓުލުން ދެތިންމަހަކަށް ގާތްވުމުންނެވެ. ރައީސް ބައިޑެންގެ އެހީތެރިން ބޭނުންވީ އެއަށްވުރެ މާކުރިން މިފަހަރުގެ ބަހުސް ބޭއްވުމަށެވެ. ބަހުސްގެ ކަންކަންދިޔައީ ކިހިނެއްކަން މީސްތަކުން ހަނދާންނެތޭހާ ކުރިން ބަހުސް ބޭއްވުމަށެވެ. އެގޮތުން ބަހުސް ބޭއްވުނީ އެޓްލާންޓާގައި ހުންނަ ސީއެންއެންގެ މައި ސްޓޫޑިއޯގައި ހުސްވި ޖޫންމަހުގެ ހަތާވީސް ވަނަ ދުވަހުއެވެ. މި ބަހުސްވެގެންދިޔައީ ރައީސް ބައިޑެންގެ ކިއްލާ ފުނޑުފުނޑުވެގެން ފޭބި ބަހުސަކަށެވެ. އެއްވެސް މައުޟޫއަކަށް އޭނާއަށް ފުރިހަމައަށް ވާހަކަފުޅެއް ނުދެއްކެވުނެވެ. ކަންކަން ހަނދުމަފުޅުވެސް ނުހުންނަނީއެވެ. އެމެރިކާގެ ރައީސްގެ ހާލާމެދު އެމެރިކާގެ ރައްޔިތުން ލަދުގަންނަން މަޖްބޫރުވިއެވެ. އެ ބަހުސަށް ސައުވީސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އިއްޔެއާ ހަމައަށް މި ހަގީގަތް ރައީސް ބައިޑެން ގަބޫލެއް ނުކުރައްވައެވެ.
ރިޔާސީ ބަހުސަށްފަހު ރައީސް ބައިޑެންގެ މަގްބޫލުކަން ވަނީ އިންތިހާއަށް ދަށްވެފައެވެ. ޚިޔާލުއެއްކުރުންތަކުގައި ޑޮނަލްޑް ޓްރަމްޕު އުޅުއްވަނީ މާމަތީގައެވެ. މި ދެބޭފުޅުންގެ ކުރިމަތިލުމެއް މިފަހަރު ވަރަށް ފަސޭހަކަމާއެކު ޓްރަމްޕް ކާމިޔާބު ކުރައްވާނެކަން އެންމެނަށްވެސް ކަށަވަރުވެއްޖެއެވެ. މިހިސާބަށް ދިޔައީމާ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބައިޑެންގެ ކެންޑިޑެސީއާ ދެކޮޅު އޮއިވަރެއް ވަނީ އުފެދިފައެވެ. މި ކެމްޕޭނަށް ޚަރަދުކުރާ ވިޔަފާރިވެރިންނާއި ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ ޑިމޮކްރަޓިކް ޕާޓީގެ ސީނިއަރ ލީޑަރުން ހަމަ ފާޅުގައި ބައިޑެން ދެން ދުރަށް ޖެހިވަޑައިގަންނަވާށޭ ވިދާޅުވެ އިލްތިމާސް ކުރައްވަން ފައްޓަވައިފިއެވެ. ދެންހެވޭ، ފުދިއްޖެޔޭ، ފެއަށް ޖެހިވަޑައިގަންނަވާށޭ ވިދާޅުވާން ފައްޓަވައިފިއެވެ. ފާއިތުވި ސައުވީސް ދުވަހު އެންމެ ގަދަޔަށް އިވުނީ މިއަޑެވެ. އެހެންވީމާ އެންމެފަހުން ކެތްނުކުރެއްވިގެން ރައީސް ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވީއެވެ. ހަގީގަތް ގަބޫލު ކުރެއްވީއެވެ.