ޚަބަރު

ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކުގެ ލިސްޓު އާއްމުކޮށް، ޖޫރިމަނާ ކުރަނީ

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު އެ މީހުންނާމެދު އިހުމާލުވާ، ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓު އާންމުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒު އެގޮތަށް ނިންމެވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އެކަމާ ގުޅޭ ގޮތުން ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިޒޯޓްތަކާއި ސިނާއި ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި ދިހަ އިނގިލީގެ ފިންގާ ޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނަގައި، އެ ބިދޭސީ މީހާ ދެނެގަތުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށް ރެގިއުލޭޝަން ޕްރޮގްރާމެއް ހިންގުމާއި އަމިއްލައަށް އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެ ފަރާތްތަކާމެދު ވަޒީފާދޭ ފަރާތުން އިހުމާލުވާ ނަމަ ޖޫރިމަނާކުރުމާއި އެފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކަށް ހުރަސް އެޅެމުންދާ ދިއުން ނައްތާލުމަށް އެފަދަ ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށެވެ.

އަދި ވަޒީފާއާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.