ރޯދަމަސް

ވަން ރެސިޕީ: ކުޅި ބޯކިބާ

ޒަމާނުއްސުރެ ދިވެހިންނަކީ ރޯދަމަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތީން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.

ކުޅި ބޯކިބަލަކީ އަބަދުވެސް ދިވެހިންނަށް ވަރަށް މީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި:

2 ލާހި ހަނޑޫ

2 ގަނޑު ވަޅޯމަސް

1 ގިތެޔޮ މިރުސް

1 ކާށި ހުނި

3 ފިޔާ

3 ލޮނުމެދު (ގާނާފައި)

2 ލުނބޯ

1 އިންޗި ހުންނަ ވަރުގެ އިނގުރު (ގާނާފައި)

ހިކަނދިފަތް، ލޮނު، ރީނދޫ، ލޮނު.

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ހަނޑޫކޮޅު ދޮވެ ސާފުކޮށްލުމަށްފަހު ފުނޑާލާށެވެ. ދެން މަސްކޮށާލާށެވެ. އެއަށްފަހު ފިޔާ ހިކަނދިފަތް، ކޮށާލާށެވެ. ފިޔާކޮޅުގެ ތެރެއަށް އިނގުރު ލޮނުމެދު ލުނބޯ، ލޮނު، ކުލަ ހިފާވަރަށް ރީނދޫ އަޅައިގެން މޮޑެލާށެވެ. އޭގެ ފަހުން މަސްކޮޅު އަޅައި އެއްކޮށްލުމަށްފަހު ހުނި އަޅައި މޮޑެލާށެވެ. މަސްގަނޑު ރަނގަޅަށް މޮޑެވުނީމަ، ހަނޑުލު ފުށްކޮޅު އަޅައި، ފެން ޖަހައިގެން ރަހަ ހެޔޮވަރުވަންދެން ރަނގަޅަށް މޮޑެލާށެވެ.

އެއަށްފަހު ތަވާގައި ފިހާނަމަ ކުޑަ ތެޔޮފޮދެއް އުނގުޅާލުމަށްފަހު މަޑު ގިނީގައި ފިހާށެވެ.