މަޖިލީހުން ފާސްކުރާ ދައުލަތުގެ އާއްމު ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާއަށްވުރެ އިތުރަށް، ހަރަދު ކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމުން ލިބިގެންކަމަށް ކަނޑައަޅައި، "ދައުލަތުގެ ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު" ގެޒެޓް ކޮށްފިއެވެ.
އެ އުސޫލުގައި ބުނެފައިވަނީ، ޕަބްލިކް ސެކްޓަރ އިންވެސްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ބަޖެޓުން ހަރަދުކުރުމުގައި ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއެއްގެ އަގަށް ގެންނަ ބަދަލެއް، އެ މަޝްރޫއެއްގެ ޖުމުލަ އަގުގެ ތިރީސް ޕަސެންޓަށް ވުރެ ބޮޑުވާ ނަމަ، ބަޖެޓުން އެކަމަށް ހަރަދު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމުން ލިބިގެންކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ފިނޭންސް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ މިއުސޫލުގައި، ބުނެފައިވަނީ، ބަޖެޓުގައި ހިމަނައިފައިނުވާ، މަޝްރޫއުގެ ޖުމުލަ އަގު އެއްމިލިޔަން ރުފިޔާއަށް ވުރެ ބޮޑުވާނަމަ ބަޖެޓުން ހަރަދުކުރެވޭނީ، ވެސް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމުން ލިބިގެންކަމަށެވެ.
ނަމަވެސް އެ މަޝްރޫއު ތަކަކީ، ޖުމްލަ އަގު އެއްމިލިޔަނަށްވުރެ ކުޑަ މަޝްރޫއުތަކެއް ނަމަ ފިނޭންސްމިނިސްޓަރަށް ހުއްދަ ދެވޭނެއެވެ. އަދި މަޝްރޫއުގެ އަގަށް ގެންނަ ބަދަލެއް، އެ މަޝްރޫއެއްގެ ޖުމްލަ އަގުގެ ތިރީސް ޕަސެންޓަށްވުރެ ކުޑަވާނަމަވެސް މިނިސްޓަރަށް ހުއްދަދެވޭގޮތަށް އުސޫލުގައިވަނީ ކަނޑައަޅައިފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި އުސޫލު އެކުލަވައިލުމުގެ މަގްސަދަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓް ތަންފީޒުކުރުމުގައި، ފާސްކޮށްފައިވާ މިންވަރަށް ވުރެ ހަރަދު އިތުރު ނުކުރުމާއި، ވަކިކަމަކަށް ހަރަދެއް ކުރުމަށް ބަޖެޓްގައި ކަނޑައަޅާފައިވާ ނަމަ، ހަމައެކަނި އެ ކަމަކަށް ހަރަދުކުރުމާއި، ބަޖެޓް ތައްޔާރުކުރާ ގޮތަށް އެ ބަޖެޓް ތަންފީޒުކުރުމަށް ބާރުއެޅުމެވެ.
މި އުސޫލުގައި ބުނެފައިވަނީ، މަޖލީހުން ފާސްކުރާ ޖުމުލަ ބަޖެޓަށް ވުރެ އިތުރަށް އެ މާލީ އަހަރެއްގައި ހަރަދުކުރެވޭނީ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިގެން
ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު ފާސްކުރުމުން ކަމަށެވެ.
އަދި އޮފީތަކުގެ އާންމު ބަޖެޓަށް ވުރެ އިތުރަށް ކޮންޓިންޖެންސީގެ ގޮތުގައި ހަރަދުކުރެވޭނީ، މިނިސްޓަރުގެ ހުއްދަޔާއެކު ކަމަށާއި، އެގޮތަށްވެސް ހަރަދު ކުރެވޭނީ އާންމު ބަޖެޓުގައި އެ އޮފީހަކަށް ކަނޑައަޅައިފައިވާ ފައިސާގެ ފަސް ޕަސެންޓަށްވުރެ އިތުރުނުވާނެ ގިތުގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.