ސިނަމާލެ ބްރިޖް

ޕްލެޓްފޯމުގެ ބާކީ ހުރި ދަގަނޑު ހޮޅިތައް ނެގުމަށް ބުރިޖުގެ ލޭނެއް ބަންދުކުރަން ޖެހޭ: ސީސީސީސީ

ސިނަމާލެ ބުރިޖު ހެދުމަށްޓަކައި އެޅި ޕްލެޓްފޯމުގެ ބާކީ ހުރި ދަގަނޑު ހޮޅިތައް ނެގުމަށްޓައި ބުރިޖުގެ ލޭނެއް ބަންދުކުރަން ޖެހޭ ކަމަށް ބުރިޖުގެ މަސައްކަތް ކުރި ޗައިނާގެ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޗާއޯ ވިދާޅުވެއްޖެއެވެ.

ވަންގް ޗާއޯ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ބުރިޖު ހެދުމަށްޓަކައި އެޅި ޕްލެޓްފޯމު މިހާރު ރޫޅާލާފައިވީ ނަމަވެސް މާލޭ ސަރަހައްދުގައި ހުރި 61 ދަގަނޑު ހޮޅިއެއް ނެގުމުގެ މަސައްކަތް ނުފެށިފައިވާ ކަމަށެވެ. އަދި އެކަމަށް ބުރިޖުގެ ލޭނެއް ބަންދުކުރަން ޖެހޭތީ އެކަމުގެ ހުއްދައަކަށް އެދިފައިވާނެ ކަމަށް ވެސް އޭނާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އެ ދަގަނޑު ހޮޅިތައް ނެގުމަށް ބުރިޖުގެ ލޭނެއް ބަންދުކުރަން ޖެހޭ. އެކަމަށްޓަކައި ސަރުކާރުގެ ހުއްދައެއް ހޯދުމަށް އެދިފައިވާނެ. އެ ހުއްދަ ލިބުމުން އެކަމުގެ މަސައްކަތް ވެސް ފަށާނަން،" އޭނާ ވިދާޅުވިއެވެ.

ވަންގް ޗާއޯ ވިދާޅުވީ މިހާރު 25 ދަގަނޑު ހޮޅިއެއް ނަގާފައިވާނެ ކަމަށާއި މިހާރު ހުޅުލޭ ސަރަހައްދުގައި ހުރި ދަގަނޑު ހޮޅިތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 37 ދަގަނޑު ހޮޅިއެއް ނެގޭނީ ކަނޑުގެ އޮއިވަރަށް ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ހޮޅިތަކަކީ 3.6 މީޓަރު އަޑީގައި ޖަހާފައި ހުރި ހޮޅިތަކެއް. ދިގު މިނުގައި 50 މީޓަރު ހުންނަ، އޭގެން ކޮންމެ ހޮޅިއެއްގައި 200 ޓަނު ހުރޭ. 2016ގައި އެ ހޮޅިތައް ޖެހުމަށް ނެގި ވަގުތަށް ވުރެ، ހޮޅިތައް ނެގުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެ،" އޭނާ ވިދާޅުވިއެވެ.