ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހިންވެސް އަންނަނީ ތައްޔާރުކުރާ ކާބޯތަކެތީގެ ވައްތަރުތަކަށް ވެސް ބަދަލު ގެންނަމުންނެވެ.
އެގޮތުން ބިސްކޯދު ފޮޅިއަކީ ވެސް ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭނެ ބާވަތެކެވެ. ތަފާތު ވައްތަރުތަކުގެ ބިސްކޯދުގައި ވެސް ފޮޅި ފިހެވިދާނެއެވެ.
ބޭނުންވާ ތަކެތި
1 ޕަކެޓް ކްރީމް ކޭކަރު ބިސްކޯދު
1 ދަޅު ގެރިކިރު
2 ސައިސަމުސާ ވެނީލާ އެސެންސް
6 ކުކުޅު ބިސް
1/2 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބިސްކޯދުކޮޅު ކުޑަކޮށް ފުނޑުވައިލުމަށްފަހު އޭގެ ތެރެއަށް 1/2 ޖޯޑު ފެން ބުރުވައިލާށެވެ. ކުޑަ އިރުކޮޅެއްވުމުން ބިސްކޯދުތައް މަޑުވާނެއެވެ. ދެން ބިސްކޯދު، ގެރިކިރު، ބިސް، އެސެންސް، އެޅުމަށްފަހު މިކްސަރުން ރަނގަޅަށް ގިރައިލާށެވެ. އެއަށްފަހު ތަވައިގައި ބަޓަރުކޮޅެއް ހާކާލުމަށްފަހު ފަހަރަކު ފޮޅިއެއް ފިހާށެވެ. ފިހާނީ މަޑު ގިނީގައެވެ.