ޚަބަރު

އޯލެވެލް ތިން މާއްދާއިން ފާސްވިޔަސް ސަރުކާރު ސްކޫލުތަކުގައި އޭ ލެވެލަށް ކިޔެވޭ ގޮތަށް ހަމަޖައްސައިފި

އޯލެވެލް އިމްތިހާނުގެ ތިން މާއްދާއިން ފާސްވިޔަސް ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލް ކިޔެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ބަދަލުކޮށްފިއެވެ.

ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔަވަން މިހާރު ފުރުސަތު ދެނީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާއާއި އިތުރު އެއް މާއްދާއަކާ އެކު، ޖުމުލަ ފަސް މާއްދާއިން ދަށްވެގެން ސީ ފާސް ލިބިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އުސޫލަށް ގެނައި މައިގަނޑު ބަދަލަކީ އޭލެވެލަށް ކުރިންވެސް ވަދެވޭ ކްރައިޓީރިއާގެ އިތުރުން އޭލެވެލަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތަކުގެ ޖާގަ ހުރިނަމަ ވީހާވެސް ގިނަ ދަރިވަރުންނަށް އޭލެވެލަށް ކިޔެވުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މިނިސްޓްރީން ސަރުކާރުގެ ސްކޫލްތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާގައިވާ ގޮތުން ގްރޭޑް 11،12 ގައި ކިޔެވުމުގެ އުސޫލަށް އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލުތަކަކީ:

  • 1. އެސްއެސްސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އޯލެވެލް އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން މަދުވެގެން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އިތުރު އެއް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން
  • 2. އޯލެވެލް އިމްތިހާނުން ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުން
  • 3. އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން (އައިއީޕީ) އިމްތިހާނު ހަދާ ދަރިވަރުން ސާނަވީ ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން
  • 4. ދަރިވަރުން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުމާއެކު ސްކޫލުގައި ޖާގަ އޮތް ނަމަ އެ ދަރިވަރަކަށް ފުރުސަތު ދިނުން

އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވާ ގޮތުން އޭލެވެލަށް ކިޔެވުމަށް ފުރުސަތު ދިނުމުގައި ބަލާނީ އޭގެ ކުރީގެ ދެ އަހަރުގެ އެސްއެސްސީ، އޯލެވެލް އަދި ބީޓެކް އިމްތިހާނުގެ ނަތީޖާއަށެވެ. އަދި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ގްރޭޑް 11 އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތް ނަމަ، އެ ސްކޫލުގައި ޖާގަ އޮތް އަދަދަށް ބަލައި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުސަތު ދިނުމަށެވެ.