އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ވަޒީފާތަކަށް ކުރިމަތިލާ ތައުލީމީ މީހުންނަށް ބޮޑެތި މުސާރަ ދޭން ދައުލަތުގެ ބަޖެޓުން ވަކިވަރެއް ހާއްސަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހަޔާ އެޗީވާސް ސްކޮލަޝިޕް ހާސިލުކުރި ކުރި ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެ މަސައްކަތަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާބިލު ފަންނީ މީހުން ސަރުކާރުގައި މަދުވުން ކަމަށެވެ.
ފަންނީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކަށް ކުރިމަތިނުލަނީ ރަނގަޅު އާމުދަނީއެއް ނުލިބޭތީ ކަމަށާއި އެހެންވެ ބައެއް މީހުން ރާއްޖެ ނައިސް ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެކަން ބަދަލުކުރުމަށްޓަކައި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައާ އަދި އެއަށްވުރެވެސް ރަނގަޅު މުސާރަ ދިނުމަށްޓަކާ ނިންމާފައިވާ ކަމަށެވެ. އެކަން ކުރައްވާނީ އުމްރާނީ ތަރައްގީއަށް ކުރާ ހަރަދުން ބައެއް ނަގައި، އިންސާނީ ތަރައްގީއަށްޓަކާ ހަރަދުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
"ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 200 މިިލިއަން ރުފިޔާ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް އެކި ދާއިރާތަކުން ކިޔަވާފައި ތިއްބެވި މީހުންނަށް، ދިވެހިންނަށް ސަރުކާރުގެ ތެރެއިން މަތީ ވަރަށް ރަނގަޅު ފެންވަރުގެ މި ދެންނެވީ ވަރަށް ބޮޑު މުސާރައެއް ލިބޭ ގޮތަށް ކަންތައް ބައްޓަން ކުރުމަށްޓަކައި 200 މިލިއަން ރުފިޔާ އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކަނޑައަޅާނަން" ރައީސް ވިދާޅުވިއެވެ.