ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެގައި ބުނެފައިވަނީ، ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުން 20 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގެ ރައްވެހިންނަށެވެ.
ވިލިމާލޭގައި ވަގުތީ މާރުކޭޓެއް ހެދުމަށް ނިންމީ، ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާޒާމޭވާ އާއި ތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށްކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. އިއުލާނުގައި ބުނެފައިވަނީ، ވިލިމާލޭ ވަގުތީ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކުން މާލެސިޓީ ކައުންސިލްގެ ވިލިމާލޭ ސެކްޝަނަށް ގޮޅިއަށް އެދޭ ފޯމު ފުރުމަށްފަހު މާދަމާ 12:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭކަމުގައެވެ.
މާލޭ ސިޓީކައުންސިލުގެ މޭޔަރު ޝިފާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވެސްޓްޕާކު ސަރަހައްދުގެ ލޯކަލް މާރުކޭޓާއި ވިލިނގިލީގެ މާރުކޭޓުވެސް އިއުލާންކޮށް ރޯދަމަހަށް ދަނޑުވެރިންނަށް ލޯކަލްތަކެތި ވިއްކުމަށް އިތުރު ފުރުސަތުތެއް ހުޅުވާލާނެކަމުގައެވެ. ނަމަވެސް އަދި ގެޒެޓްކޮށްފައިވަނީ ވިލިމާލޭގެ ވަގުތީ މާރުކޭޓުގެ ގޮޅިއަށް އެދުމުގެ ފުރުސަތެވެ.