ޚަބަރު

އެމްޓީސީސީން ބޯޓު ބަނުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަނީ

އެމްޓީސީސީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ބޯޓު ބަނުމުގެ ހިދުމަތްދޭން ފެށުމަކީ އަމާޒެއްކަމަށް އެ ކުންފުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

އުމަރު ޒާހިރު ބިލްޑިންގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ކުންފުނިން ވިޔަފާރި ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ، އެމްޓީސީސީގެ ތަރައްގީއަށްޓަކައި، ޕްލޭންކޮށްފައިހުރި ކަންތައްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ބިން ހިއްކުމުގެ އިކިއުޕްމެންޓާއި މެޝިނަރީޒް އަދި ވަސީލްތަކުގެ އެންމެ ބޮޑު ފްލީޓެއް އޮތީ އެމްޓީސީސީގައި ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، އެ ދާއިރާއިން ވިޔަފާރި ފުޅާކުރަން ވިސްނަވާ ކަމަށެވެ.

"އަދި ޝިފިން ރިޕެއާ ޔާޑުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށްގެންދެވިފައި ވަނީ، އުއްމީދުކުރަނީ ދެން އަންނަ އޭޖީއެމްއެއް އަންނަންވާ އިރަށް ބޯޓު ފަހަރު ބަންނަ ކުންފުންޏަކަށް މި ކުންފުނި ވާނެ ކަމަށް،" ޒިޔާދު ވިދާޅުވިއެވެ.

އެމްޓީސީސީގެ ބޯޓްޔާޑެއް ތިލަފުށީގައި ހުންނައިރު، މިއީ ރާއްޖޭގައި ޑޮކިންގް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. އެ ބޯޓްޔާޑުގައި އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރެވޭނެއެވެ.

އެ ޖަލްސާގައި ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެމްޓީސީސީގެ ޗެއާޕާސަން މުހައްމަދު އަފީފް ހުސައިން ވިދާޅުވީ، ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް، ބޭރުގެ ޕްރޮޖެކްޓްތަކަށާއި ޕްރައިވެޓް ސެކްޓާގެ ޕްރޮޖެކްޓްތަކަށް އިސްކަންދިނުމަކީ ކުންފުނިން ވިސްނަމުން އަންނަ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބަރޯސާވާން ޖެހޭ މިންވަރުވެސް ކުޑަވާނެ ކަމަށެވެ.

"އެ އަމާޒުގައި މިހާރުވެސް ވަރަށް ގިނަ ކަންތައްތައް ކުރެވޭ، ބައެއް ޕްރޮޖެކްޓްސްތަކުގެ މަސައްކަތްކުރެވެމުން ދަނީ، ބޭރު ފައިސާއިން ކުންފުންޏަށް އާމްދަނީ ލިބޭގޮތަށް،" އަފީފް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޓީސީސީގެ ފައިސާ އިތުރުވާނެ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް ކުންފުނީގެ ބޯޑުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.