ޝަހީދާ އަބްދުﷲ ސައީދު
މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިހާތަނަށް ގާތްގަނޑަކަށް 100 އެންހާ ރަށަށް ވަޑައިގެންނެވުނު އިރު، ބޮޑެތި ދަނޑުތަކުގައި ކުޅޭތަން ފެނިވަޑައިގަތީ ވަރަށް މަދުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ މިނިސްޓްރީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނިމިދިޔަ ސަރުކާރުން އެ މިނިސްޓްރީގެ ފަރާތުން ރަށްރަށުގައި ހަދަން ފަށާފައި ނުނިމި ހުރި ފުޓްސަލް ދަނޑުތަކުގެ މައްސަލަތައް ކަމަށެވެ.
އަދި ނިމިދިޔަ ސަރުކާރުން ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކެއް ހެދިއިރު ގިނަ ދަނޑުތައް ނިންމާފައި ހުރީ އަވަސް އަރުވާލައިގެން އެއްވެސް ވަރަކަށް ކޮލިޓީއަށް ބެލުމެއް ނެތި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ދިމާވެފައިވާ ގޮންޖެހުމަކީ އެ ދަނޑުތަކަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ ނުނިމި ހުރި ދަނޑުތައް ޔޫތު މިނިސްޓްރީގެ ދަށަށް ނެގުމަށްފަހު ދަނޑުތައް ނިންމަން ރައީސް އޮފީހުން ހުއްދަ ދީފައިވާކަމަށެވެ. އަދި އޭގެ އިތުރުން މަހުލޫފު ވިދާޅުވީ ރަށްރަށުގައި ހުރި ޒުވާނުންގެ މަރުކަޒުތަކާއި ޒޯން ސްޓޭޑިއަމް ފަދަ ތަންތަން ވެސް މަރާމާތު ކުރަންޖެހިފައިވާ ކަމަށެވެ.
އަދި އެތަންތަން މަރާމާތުކޮށް، ސްޓޭޑިއަމްތައްވެސް ހަދައިގެން އަލުން ބޮޑެތި ދަނޑުތަކުގައި ކުޅެވޭނެ ގޮތް ހަދަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ރަށްރަށުގެ ބޮޑެތި ދަނޑުތަކުގައި ބޯޅަ ކުޅޭ މަންޒަރު މިހާރު ފެނިގެންދަނީ ވަރަށް މަދުން ކަމަށާއި ދަނޑުތައް އޮތީ ހަލާކުވެ، ހަނަފަސްވެފައި ކަމަށާއި، ފެންނަނީ ދަނޑުތައް ޖަންގައްޔަށް ވެފައި ހުރި މަންޒަރު ކަމަށް މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ.