ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލް، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ސަފީރު ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އިނގިރޭސި ވިލާތާއި، ޔޫރަޕްގެ ގައުމުތަކާ ދެމެދުގައި ރާއްޖޭން އޮންނަ ގުޅުން ބަދަހިކުރުމާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. ފަރަހްނާޒް ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ހުލާސާއެއް ނައިބު ރައީސް ފައިސަލް އާ ހިއްސާކުރައްވައިފައެވެ.
އެގޮތުން އެކަމަނާ ވަނީ ސިއްހީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިން އިތުރަށް ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައިފައެވެ. އަދި ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދުގައި ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގުތައް ފަހިކުރެއްވުމަށާއި، ޔޫރަޕް ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް އެމްބަސީން މަސައްކަތްކުރާކަން ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޑރ. ފަރަހްނާޒް ވަނީ ރާއްޖެއާ ދޭތެރޭގައި ބޭރު ދުނިޔެއިން ދެކޭގޮތް ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައިވާކަންވެސް ފާހަގަކުރައްވައިފައެވެ.