ޚަބަރު

ފިކުރަކަށް ބަދަލެއް ނާދެ، އެއިރުވެސް މިހާރުވެސް މިހުރީ އެމްޑީޕީގެ ފިކުރުގައި: ފައިސަލް

އަލީ ޔާމިން

އެއިރުވެސް އަދި މިހާރުވެސް އޭނާ ހުންނެވީ، އެމްޑީޕީގެ ފިކުރުގައި ކަމަށް މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގައި އުޅުއްވުމަށްފަހު ފައިސަލް، އެ ޕާޓީ ދޫކުރެއްވީ މިދިޔަ މަހުގެ ތެރޭގައެވެ. އެއަށްފަހު އޭނާ ވަނީ މިއަދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ސިޔާސަތުތައް ދަސްކޮށްދީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވިންދާއި އިހުސާސްތައް ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

"2008 ވަނަ އަހަރު ޕާޓީގެ ނަން ބަދަލުވެގެން ދިޔައީ، އެއީވެސް އެއް އަމާޒަކަށް އަޅުގަނޑުމެން ކުރި މަސައްކަތެއްގެ ތެރެއިން އެކަންތައްތައް ކާމިޔާބުކުރުމަށް އެ ވަގުތު އަޅަން ޖެހުނު ފިޔަވަޅެއްގެ ގޮތުން އަޅުގަނޑު އެކަންތައްތައް ކުރީ. އެހެންނަވެސް ފިކުރަކަށް ބަދަލެއް ނާދޭ. ސިޔާސަތަކަށް ބަދަލެއް ނާދޭ. ކުރެވުނީ އެއް މަސައްކަތެއް. 20 އަހަރު ވެގެން ދިޔައިރުވެސް އެއް ފިކުރެއްގައި އެއް ވިސްނުމެއްގައި އެއް މަގެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ގައުމުގެ މިސްރާބު މިހާރު ހުރި ގޮތުން ގައުމުގެ ހައްގުގައި މުހިންމު މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތްކުރައްވާނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް ހޯދައިދިނުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ފައިސަލްގެ ސިޔާސީ ހަޔާތުގެ ފަސްފަހަތް:

ފައިސަލް ސިޔާސީ ހަޔާތް ފެއްޓެވީ 2004 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުންނެވެ. އޭނާ ވަނީ ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީހުގައި ހިދުމަތް ކުރައްވައިފައެވެ. އެއަށް ފަހު، 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ފައިސަލް ސޮއިކުރެއްވިއެވެ.

އޭގެ ފަހުން، އެމްޑީޕީގައި ހުންނެވުމަށްފަހު، 2008 ވަނަ އަހަރު، ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޖޭޕީ އުފެއްދެވުމާ އެކު ފައިސަލް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ. އެއަށް ފަހު، މިދިޔަ މަހާ ހަމައަށް އޭނާ ހުންނެވީ ޖޭޕީގައެވެ.

ނައިބު ރައީސަކަށް ވުމުގެ ކުރިން ފައިސަލް ވަނީ، 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ މެންބަރަކަށް އިންތިހާބުވެވަޑައިގަތް، އެ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.

ފައިސަލް ފާހަގަވެފައިވަނީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބަށް ފުރުސަތު ލިބުން ފަހުން ނައިބު ރައީސެއްގެ ދައުރު ފުރިހަމަ ކުރެއްވި ފުރަތަމަ ނައިބު ރައީސްގެ ގޮތުގައެވެ.