ޚަބަރު

ޕޮލިސް ކޮލެޖުގެ ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދެނީ، އެއް ދަރިވަރުގެ ހާލު ސީރިއަސް

މުހައްމަދު އިޝާން

އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖު، ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަށް ކިޔަވަން ގޮސް ތިބި ބެޗެއްގެ ގިނަ އަދަދެއްގެ ދަރިވަރުން ބަލިވެގެން ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން ފަސް ދަރިވަރަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ފުލުހުން ބުނެފިއެވެ.

ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ މިރޭ ބުނެފައެވެ. އެ ދަރިވަރުންގެ ހާލު ގޯސްވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެކަން ފުލުހުން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޕޮލިސް ކޮލެޖުން ޖުމުލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ބުންޏެވެ.