ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 67.5 ޕަސެންޓް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިންޑިއަން އެގްޒިމްގެ 800 މިލިއަން ކްރެޑިޓްލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވަނީ ސައިޓަށް ވަޑައިގެންފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އެ ބޭފުޅުންގެ ދަތުރުގައި ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތުގެ ނަތީޖާ ހާސިލުވަމުންދާ މިންވަރާގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ނިންމުމަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންކަމާމެދު ކޮންޓްރެކްޓަރު، ކޮންސަލްޓަންޓް އަދި މަޝްރޫއުގެ ވެރިފަރާތް ކަމުގައިވާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ މަޝްވަރާކުރި ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން މިއަދު ވަނީ ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުވެސް މީޑިއާއާ ހިއްސާކޮށްފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.
އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.