ފުލުހުންގެ ހައްޔަރަށް ގެންދިއުމުގެ ތެރޭގައި މީހަކަށް އަނިޔާވީ، އޭނާ ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް މަގުމައްޗަށް ވެއްޓިގެން ކަމަށް ފުލުހުން ބުނެފިއެވެ.
މުހައްމަދު އަޒްމީލް ޖަލީލު ނަމަކަށް ކިޔާ 38 އަހަރުގެ އެ މީހާ ހައްޔަރުކުރަން ފުލުހުން އުޅުނީ ބަންދުގައި ބަހައްޓައިގެން އިއްޔެ ޑުރަގް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުއެވެ.
އެ ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ވެފައިވާއިރު، އޭނާއަށް މި ވަގުތު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޒްމީލަށް އަނިޔާވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހު 2:15 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިއުމުން، ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު އެގޭގެ ފުރަތަމަ ބުރީގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިގެން ކަމަށެވެ.
އަދި އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައީ ފުލުހުންގެ މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސް އެތަނުގެ މެޑިކަލް އޮފިސަރު ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު 3:05 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އަޒްމީލް ހައްޔަރުކުރުމުގައި އެ މުއައްސަސާ އިން އަމަލުކޮށްފައިވާ ގޮތާމެދު އާއިލާގެ ކަންބޮޑުވުންތަކެއް ހުރުމާއެކު ހައްޔަރު ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.