ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ހާއްސަ އެޕެއް ތައާރަފުކޮށްފި އެވެ.
އިމިގްރޭޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އިމިގްރޭޝަން ވޮޗް" ތައާރަފު ކުރުމަށްފަހު އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝައްމާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވާން މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެ އެޕް މެދުވެރިކޮށް ރިޕޯޓް ކުރެވެން ހުންނާނެ ކަމަށެވެ.
ޝަމްއާން ވިދާޅުވީ، ކާކުކަން ނޭނގޭ ގޮތަށް ވެސް "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް މައްސަލަތައް ހުށަހެޅެން ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން އާންމުންނަށް ބޭނުންވާ މައުލޫމާތު ވެސް އެ އެޕުން ލިބެން ހުންނާނެ ކަމަށެވެ.
"އިމިގްރޭޝަން ވޮޗް" އަށް ކޮންމެ ވަގުތަކު ވެސް މައްސަލަ ހުށަހެޅެން ހުންނާނެ ކަމަށާއި ފޮޓޯއާއި ވީޑިއޯ ވެސް ފޮނުވެން ހުންނާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ.
ބިދޭސީންނާ ގުޅޭ މައްސަލަ ރިޕޯޓްކުރުމަށް Imuga.immigration.gov.mv އަށް ގޮސް، އިމިގްރޭޝަން ވޮޗް ޚިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވެން ހުންނާނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.