ޚަބަރު

މަޖިލިސް އިދާރާއިން ކަރަންޓް ކެނޑުމުން ޖަލްސާ ނިންމާލައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލިސް އިދާރާއިން ކަރަންޓު ކެނޑުނީ ޖަލްސާގެ ދެވަނަ ދަންފަޅި ކަމަށްވާ، މެންދުރު ދަންފަޅި ފެށުނުތާ އިރުކޮޅެއް ފަހުންނެވެ.

އެއަށްފަހު ފަސްވަރަކަށް މިނެޓްގެ ތެރޭގައި އަލުން ޖަލްސާ ފެއްޓެވިއެވެ.

ނަމަވެސް އޭރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ އޭރު ކަރަންޓު ދީފައި ވަނީ ބެކަޕް ޖަނަރޭޓަރުން ކަމަށެވެ. އަދި އޭރު ކަރަންޓު ދެވުނީ ހަމައެކަނި މަޖިލިސް ޗެމްބަރަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ނާޒިމު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ މިއަދަށް ނިންމާލީ ކަމަށެވެ.

މެންދުރުފަހު ދަންފަޅީގައި މަޖިލިސް ތަޅުމުގައި މިއަދު ކުރިއަށް ގެންދިޔައީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސެވެ.

ކަރަންޓް ކެނޑިގެން ޖަލްސާ ނިންމަވައިލެއްްވީ އެ ބިލު ހުށަހެޅުއްވި މެންބަރު ވާހަކަ ދެއްކެވުމަށް ދެއްވި ފަހު ފުރުސަތުގައި ވާހަކަ ދައްކަމުން ގެންދަވަނިކޮށެވެ.