ޚަބަރު

ހައްޔަރުކުރަން އުޅެނިކޮށް އަނިޔާވި މީހާ ވެންޓިލޭޓަރުގައި

ފާތިމަތު ލިޔުޝާ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު މީހަކަށް އަނިޔާވެ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ މިދިޔަ ހޯމަ ދުވަހުގައެވެ.

އައިޖީއެމްއެޗްގެ އޮފޮޝަލް "ވަން" އަށް ވިދާޅުވީ އެމީހާ މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން "ވަން" އަށް ހޯމަ ދުވަހުގެ ރޭ ވިދާޅުވެފައިވަނީ އޭނާއަކީ ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރަން ހައްޔަރުކުރި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި، އޭނާއަށް އަނިޔާވި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގައި ބަލައިދިނުމަށް އެދިފައިވާނެ ކަމަށެވެ.