ޚަބަރު

ހައްޖަށް ގެންދަން ކުންފުނިތަކުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ފައިސާ ނެގުމަކީ ގާނޫނީ ކުށެއް

މަރިޔަމް ޝަހުދާ

މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ ގްރޫޕުތަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ޕްރޮޕޯސަލްގައި، ހައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ފައިސާ ނެގުމަކީ ގާނޫނީ ކުށެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އެ ކަމާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، ކުންފުނިތަކުން މީހުން ހައްޖަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅި އިރު ކަނޑައަޅާފައިވާ އަދަދަކީ އެކަމަށް އެކަށީގެންވާ އަދަދެއްތޯ މިނިސްޓްރީން ބަލާފައިވާނެ ކަމަށާއި، ޕްރޮޕޯސަލްގައިވާ އަދަދައް ވުރެ ގިނައިން އެކި ނަންނަމުގައި މީހުންއަތުން ފައިސާ ނުނެގުމަށް އިލްތިމާސްކުރާކަމަށެވެ.

މީގެ އިތުރުން ހައްޖުވެރިންގެ ފައިސާ އަކީ ވަރަށް ބޮޑު އަމާނާތެއްކަމަށާއި އެ އަމާނާތައް ހިޔާނާތްތެރި ނުވުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި ހައްޖުވެރިންގެ ފައިސާގައި ޖެހުމަކީ ބިރުހުރި ކަމެއް ކަމަށާއި އެއީ ދީނުގައިވެސް އެކަން ކުރުން ނަހީ ކުރައްވާފައިވާކަމެއް ކަމަށް ޑިޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލިޔާސް ޖަމީލް ވިދާޅުވީ، ހައްޖަށް މީހުން ފޮނުވުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުން އެއްބަސްވާންޖެހޭ އުސޫލެއް ކަނޑައަޅާފައިވާކަމަށެވެ. ކުރިން ކޮންމެ އަހަރަކު މި އުސޫލު ބަދަލުވި ނަމަވެސް މިއަހަރު އެކުލަވައިލި އުސޫލަކީ ގިނަ އަހަރުތަކަށް ދެމިގެންދާނެ އުސޫލެއްކަމަށް ވިދާޅުވިއެވެ. އަދި މި އުސޫލާ ހިލާފުވާ ކުންފުނިތަކަށް ހަރުކަށި އަދަބު އޮންނާނެކަމަށްވެސް ވިދާޅުވިއެވެ.

އިލިޔާސް ވިދާޅުވީ، އުސޫލާއި ހިލާފުވިކަން ސާބިތުވެއްޖެ ނަމަ ހައްޖަށް މީހުންގެންދިއުމަށް ދީފައިވާ ހުއްދަ ބާތިލް ކުރުމުގެ ހައްގު މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ފުރުސަތު މަގުފަހި ކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޕިއުޓީ މިނިސްޓަރު ޝާފިއު ވިދާޅުވިއެވެ. އެގޮތުން ޕެންޝަން ހައްޖު ފަންޑާއި ގުޅޭ ގާނޫނެއް ފާސްކޮށްފައިވާއިރު، މިހާރު ޕެންޝަން އޮފީހުން އަންނަނީ ގާނޫނާއެކު ކަނޑައަޅަންޖެހޭ އިޖުރާއުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ޝާފިއު ވިދާޅުވިއެވެ.

ރާއްޖެއިން ހައްޖަށް މީހުންގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނާއެކު ޖުމްލަ 6 ކުންފުންޏަކަށް ދޫކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ ބުނެފައެވެ.