ކީޕިން އަޕް ވިތް ދަ ކާޑިޝަންގައި ފެންނަ ކާޑިޝަންސް އާއިލާއިން އަންނަނީ އެކި ރޮނގުރޮނގުން އެމީހުންގެ ހުނަރު ދައްކަމުންނެވެ.
ކައިލީ ޖެނާ ވަނީ މީގެ ކުރީން "ކައިލީ" ނަމުގައި ކޮސްމެޓިކް ލައިނެއް ތައާރަފްކޮށް ދުނިޔޭގެ ހުރި އެންމެ ޒުވާން ބިލިޔަނަރުގެ މަގާމު ހޯދައިފައެވެ. ކައިލީގެ މޭކަޕް ތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މޭކަޕް ތަކެކެވެ.
އިއްޔެ ކައިލީ ވަނީ "ކައިލީ ސްކިން"ގެ ނަމުގައި ސްކިން ކެއާ ލައިނެއް މިމަހު ލޯންޗުކުރާ ވާހަކަ މީސް މީޑިއާގައި އިއުލާނުކޮށްފައެވެ. ކައިލީގެ ކޮސްމެޓިކް ލައިން 2016ގައި ތައާރަފުކުރި ފަހުން މިހާތަނަށް ވަނީ 600 މިލިއަން ޑޮލަރުގެ މޭކަޕް ވިއްކައިފައެވެ. ހާއްސަކޮށް އޭނާ ނެރުނު ލިޕް ކިޓްސް ތަކުގެ މަގުބޫލުކަން އިތުރުވެ އޭނާގެ ނެޓް ވޯތް ވަނީ 900 މިލިއަން ޑޮލަރަށް އަރާފައިކަމަށް ފޯރބްސްއިންް ވަނީ ބުނެފައެވެ.
ކައިލީގެ ސްކިން ކެއާ ލައިންގައި ހިމެނެނީ ކޮން ކޮން ޕްރޮޑަކްޓްސްއެއް ކަމެއް އަދި ހާމަކޮށްފައިނުވާއިރު ކައިލީ ސްކިންގެ ނަމުގައި ވެބްސައިޓެއް މިހާރުވަނީ ލޯންޗުކޮށް އެއަށް ސައިން އަޕް ވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ކިމް ކާޑިޝަންވެސް ވަނީ 2017ގައި ކޭކޭޑަބްލިޔުގެ ނަމުގައި ބިއުޓީ ލައިނެއް ލޯންޗުކޮށްފައެވެ. މި ލައިންގެ ނޫޑް ލިޕް ކިޓް ކިމް ނެރުނީ ކައިލީއާ ގުޅިގެން ކައިލީ ކޮސްމެޓިކްސް ބްރޭންޑްގެ ދަށުންނެވެ. އޭގެ ފަހުން ވަނީ ކޭކޭޑަބްލިޔުގެ ނަމުގައި ގިނަ ފައުންޑޭޝަން އާއި ފައުންޑޭޝަން ހޭކުމަށް ބޭނުން ކުރާ ބްރަޝްތައް ނެރެފައެވެ.
މިހާރު މިވަނީ އާއިލާގެ ތިން ވަނަ އަންހެން ތަރި ކެންޑެލް ޖެނާ ވެސް ބިއުޓީ ލައިނެއް އުފައްދަން އުޅޭކަމުގެ އަޑުތައް ފެތުރިފައެވެ. ޑެއިލީ މެއިލްގައި ވާ ގޮތުގައި ކެންޑެލް ވަނީ "ކެންޑެލް" އަދި "ކެންޑެލް ޖެނާ" ގެ ނަމާއި ޓްރޭޑްމާކް ބިއުޓީ ލައިނެއް އުފެއްދުމަށްޓަކައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފައެވެ.
ކެންޑެލް ލޯންޗު ކުރަން އުޅޭ ޕްރޮޑަކްޓްސް ތަކުގެ ތެރޭގައި ބިއުޓީ މާސްކް، ބޮޑީ ސްކްރަބް، ފޭޝަލް ސްކްރަބް، ބޮޑީ އޮއިލްސް، ސެންޓް، ބާތް، ޝަވާ ޖެލްސް، ކޮސްމެޓިކްސް އަދި ނެއިލް ޕޮލިޝް ހިމެނެއެވެ. މިއީ އޭނާ ޓްރޭޑްމާކް ރަޖިސްޓްރީ ކުރަން ހުށަހެޅި ލިސްޓެވެ. މީގެ ތެރެއިން ކެންޑެލް ފުރަތަމަ ނެރެނީ ކޮން ޕްރޮޑަކްޓްސް ތަކެއް ކަމެއް އަދި ނޭނގެއެވެ.
ކެންޑެލްގެ ފަރާތުން ރަސްމީކޮށް އަދި މި ބްރޭންޑް އޭނާ ލޯންޗު ކުރާކަން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ހަމައެކަނި ޓްރޭޑްމާކް ރަޖިސްޓްރީ ކޮށްލަނީ ކަމަށް ވެސް އެއްބަޔަކު ދެކޭއިރު އަނެއްބަޔަކު އުންމީދު ކުރަނީ ކެންޑެލްގެ ބިއުޓީ ލައިނެއެއްވެސް ފެނުމަށެވެ.
ކެންޑެލް އަކީ މިހާރުވެސް ގިނަ ބާވަތްތަކުގެ ޕާސަނަލް ކެއާ އަދި ބިއުޓީ ބްރޭންޑްސް ގެ މޫނެވެ. އޭގެ ތެރޭގައި ޕްރޯއެކްޓިވް، މޫން އަދި އެސްތީ ލޯޑާ ހިމެނެއެވެ.