މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރި އިއުލާން ބާތިލު ކޮށްފިއެވެ.
ޕީސީބީން ކުރި އިތުރު އިއުލާނެއްގައި ބުނެފައި ވަނީ މިފްކޯއަށް ސީއީއޯއެއް ހޯދުމަށް ކުރިން ކުރި އިއުލާނަށް ޝަރުތު ހަމަވާ އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ އެ އިއުލާން ބާތިލުކުރާ ކަމަށެވެ.
ޕީސީބީން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެކަންޏެވެ.
އެ މަގާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކަށް 9500 ޑޮލަރާއި 12000 ޑޮލަރާއި ދެމެދުގެ އަދަދެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ، އަހުމަދު ސަމާހު ރަޝީދެވެ. އޭނާ އެ މަގާމުން ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.