އޮލިމްޕަހުގައި ހަދާފައި ހުންނަ ކެފޭގެ ސީލިން ވެެއްޓިއްޖެއެވެ.
ޔޫތު މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އޮލިމްޕަހުގައި ހުންނަ ކެފޭއަކީ ވަރަށް ދުވަސްވީ ތަނެއް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދުގެ ވެރިކަމުގައި އެތަން އަލުން މަރާމާތު ކުރިއިރުވެސް އެ ކެފޭ ހިންގި މީހުން އެ ތަނަށް މާބޮޑު ބަދަލުތަކެއް ނުގެންނަ ކަމަށެވެ.
"މިދިޔަ ސަރުކާރުގައި މަރާމާތުކޮށްފައި ހެދިއިރުގައިވެސް ކަތުރުފަނީގެ އަސަރު ފެނިފަ ހުރިތަނެއް. ލަކުޑި ބޭނުން ކޮށްފަ ހުރީމަ ކެފޭ އޭރިއާގައި ބޮޑަށް ފާހަގަވަނީ" އޮފިޝަލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ކެފޭގެ އިތުރުން ކުރީންވެސް އޮލިމްފަސް މަރާމާތުކުރުމުގެ ކުރިން ކަތުރު ފަނީގެ އަސަރުކޮށްގެން ޕެސްޓް ކޮންޓްރޯލް ކުރާ މީހުން ގެނެސްގެން އެތަން އެކީ ޕެސްޓް ސްޕްރޭ ޖެހިކަމަށެވެ.
އެ ކެފޭއަކީ އެކި ދުވަސްވަރު އެކި ބިދޭސީންގެ އަތްމަތީން ހިންގަމުން އައިތަނެއް ކަމަށާއި އެންމެ ފަހުން އެތަން ހިންގި މީހުންވެސް އެތަން ތައްޔާރު ކުރީ، ކުރީގައި ހުރި ސީލިން ބަދަލުކޮށްފައި ނޫން ކަމަށާއި މިހާރު އެ ތަނުގެ ސީލިން ވެއްޓުމުންވެސް ތަން ސާފުކޮށް އެތަން އަލުން މަރާމާތު ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ބިދޭސީން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
"އެއީ މާކުރިން އަޅާފައި އޮންނަ ސީލިންގެއް. ސީލިންގް ދަށުގަ ޖިޕްސަން ބޯޑު ހަރުކޮށްފަ ދެން ކަތުރުފަނި އަޅައިގެން ކަތުރުފަނި ފަތިތައް ބޮއިގެން އޭތި ރޭގަ ވެއްޓުނީ. އެކަހަލަ ޑެމޭޖެއް އައިސް ހުރިކަމަށް ބޭރަކަށް ފެންނާކަށް ނުހުރޭ. އެއްކޮށް ބޮއިފަ ހުރީމަ އެއްކޮށް ބަރުޖެހިގެން ވެއްޓިފައި އެއޮތީ." އޮފިޝަލު ވިދާޅުވިއެވެ.
ދެހާސް ތޭރައިގައި، އޮލިމްޕަސް މަރާމާތު ކުރިފަހުން، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގައި ހުރި އެންމެ ބޮޑު ސިނަމާ "އޮލިމްޕަސް" އަލުން ހުޅުވައިދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.
މިހާރު އޮލިމްޕަހުގައި މަލްޓިމީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި ކުރިން ހުރި 2.1 ގެ ސައުންޑުގެ ބަދަލުގައި 7.1 ގެ ސަރައުންޑް ސައުންޑް ސިސްޓަމެއް ވަނީ ގާއިމުކޮށްފައެވެ.